މިއަހަރުގެ ޖުލައިމަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު 30 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްއިން ބުނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ނެރިފައިވާ ޖުލައިމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ދިވެހިރާއްޖެއަށް 2.96 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖުލައި މަހު މިޢަދަދުވަނީ 4.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 19 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އިން 18 އިންސައްތަ އަދި ސިންގަޕޫރުން 14 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައިވަކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދެއްކައެވެ.
ފާއިތުވި ޖުލައި މަހު ދިވެހިރާއްޖެއިން މުދާ ބޭރުކުރި މިންވަރު 2017 ޖުލައި މަހާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވެފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. 2017 ވަނަ އަހަރުގެ ޖުލައި މަހު 203 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ ޖުލައި މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 263 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ޖުލައި މަހު އެކްސްޕޯޓްކުރި މުދަލުގެ 26 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، އިނގިރޭސި ވިލާތަށް 19 އިން ސައްތަ އަދި ޖަރުމަން ވިލާތަށް 16 އިން ސައްތަ އެކްސްޕޯޓްކޮށްފައިވާކަމަށްވެސް ޖުލައިމަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން އެމެރިކާއަށް 9 އިންސައްތަވަނީ އެކްސްޕޯޓް ކޮށްފައެވެ.
މިތަފާސްހިސާބުތަކުން ދައްކާގޮތުގައި އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ހުސްވި ޖުލައި މަހު 11 އިންސައްތަ އިތުރުވެފައެވެ. މިއަހަރުގެ ޖުލައި މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 282 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 254 މިލިއަން ރުފިޔާއެވެ.