ޚަބަރު

ކެމްޕެއިން ހަރަކާތްތައް އެއްވެސް ހަމަނުޖެހުމެއްނެތި ކުރިއަށްދާތީ އުފާކުރަން - އެޗް.އާރ.ސީ.އެމް


މިފަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ބާއްވާ ކެމްޕެއިން ޙަރަކާތްތައް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނެތި ކުރިއަށްދާތީ، އެކަމާ އުފާކުރާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗް.އާރ.ސީ.އެމްގެ ނާއިބު ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ޓްރެއިނަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗް.އާރ.ސީ.އެމްގެ ނާއިބު ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން އޮބްޒާވްކޮށް މޮނިޓަރކުރުމަށްޓަކާ އެކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް މީގެ 2 މަހެއްހާ ދުވަހުގެ ކުރިން ވާން ފަށާފައިވާކަމަށެވެ. އަދި އެޗް.އާރ.ސީ.އެމްއަކީ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކާ އުފައްދާފައިވާ ކޮމިޝަންކަމަށްވެފައި، އިންތިޚާބުގެ ދުވަސްވަރާއި، އިންތިޚާބަށްފަހުވެސް ދެންހިނގާ ކަންކަން އެކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ތަފާތު ކެމްޕެއިން ޙަރަކާތްތައް އެއްވެސް ހަމަނުޖެހުމެއް ނެތި ކުރިއަށްދާކަން ފާހަގަކުރައވައި، ޒާހިދު ވިދާޅުވީ، އެއީ އެޗް.އާރ.ސީ.އެމުން އުފާކުރާ ކަމެއްކަމަށެވެ. އަދި މިފަދަ ކަންކަން ކުރިއަށްގެންދާއިރު، އިންސާނީ ކަރާމާތަށް އިޙްތިރާމް ކުރުމަކީ މުހިއްމު ކަމެއްކަމަށާއި، ސުލްޙަވެރިކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުން މުހިއްމުކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް އުފާކުރަން މިއަދާ ހަމައަށްވެސް އިންތިޚާބުގެ މަސައްކަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ކެމްޕެއިން ކުރަމުންދާއިރު، ވަރަށް މަދު ހާލަތެއްގައި ފިޔަވާ މިދަނީ ވަރަށް އަމާންކޮށް، ވަރަށް ހަމަހަމަ ފުރުޞަތުތަކެއް ހުރިހާ އެންމެނަށްވެސް ލިބިގެން. ޙާއްސަކޮށް ރާއްޖޭގެ ރައްޔިތުން ކޮންމެ ޕާޓީއަކުން ކޮންމެ ބަޔަކަށްވިޔަސް އެބޭފުޅުން ތާޢީދުކުރާ މީހުންނާއެކު ކެމްޕެއިން ތަކުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނެތި ހިނގަމުންދާކަން އެއީ އަޅުގަނޑު އުފާކުރާކެމެއް. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އެކަން އެގޮތަށް ކުރިއަށްގެންދަވާށޭ."

ޒާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޒާހިދު ވަނީ ރިޔާސީ އިންތިޚާބަށް ވޯޓުލާން ނިކުންނަށްއިރު ރައްޔިތުންނަށް ބޭނުންވާ ސައްޙަ މަޢުލޫމާތު ފޯރުކޮށްދެވިފައިވާކަން ކަށަވަރު ކުރުން މުހިއްމުކަން ފާހާގަކުރައްވާފައި. އަދި އެކަން ކުރުމުގައި އިލެކްޝަންސް ކޮމިޝަންގެ އިތުރުން، ރާއްޖޭގައި ޙަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުންވެސް ޒިންމާދާރުކަމާއެކު އެބޭފުޅުންގެ މައްސޫލިއްޔަތު އަދާކޮށްދެއްވުމަށް އޭނާ ގޮވާލެއްވި.