ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި، ދިވެހި އާއިލާތަކާއި ބައްދަލުކުރައްވައިފިއެވެ.
ޑރ. ޝަހީމް މެލޭޝިއާގައި ތިބި ދިވެހި ކިޔަވާކުދިންނާއި، ދިވެހި އާއިލާތަކާއި ބައްދަލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ތާޢީދު އިތުރުކުރެއްވުމަށް އެމަނިކުފާނު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި އެ ޤައުމުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާއި ބައްދަލުކުރައްވައި ހާލުބެއްލެވުމާއި، އެ ޤައުމުގައި ތަޢުލީމު ޙާސިލްކުރަމުންދާ ކުދިންގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާގޮތް ޑރ. ޝަހީމް ވަނީ ބައްލަވާލައްވާފައެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ވަކިވަކިން ބައްދަލުކުރައްވާ، އެމީހުންގެ ކަންބޮޑުވުންތަކަކީ ކޮބައިކަން އޮޅުންފިލުވާ، ސަރުކާރުގެ ސިޔާސަތުތަކާގުޅޭ މަޢުލޫމާތުވެސް ހިއްސާކުރައްވާނެކަމަށް، މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މެލޭޝިއާގައިވެސް ވޯޓު ފޮށްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، މެލޭޝިއާއަކީވެސް ގިނަ ޢަދަދެއްގެ ދިވެހި ކިޔަވާކުދިންނާއި، ދިވެހި އާއިލާތައް ދިރިއުޅެމުން އަންނަ ޤައުމެކެވެ.
ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ރައީސް ޔާމީނަށާއި، ސަރުކާރު ކޯލިޝަނަށް ތާޢީދު އިތުރު ކުރެއްވުމަށްޓަކާ ޑރ. ޝަހީމް ދާދިފަހުންވެސް ވަނީ އެމަނިކުފާނުގެ އުފަން އަތޮޅުކަމަށްވާ ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މެލޭޝިއާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެވަޑައިގެން، ޑރ. ޝަހީމް ދެން އެންމެ އަވަހަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުގެ ރަށްތަކަށެވެ.