ކުޅިވަރު

ނޭމާ ކުރި ކަމަކީ މެޗު ލަސްކޮށް، އެކްޓްކުރުން: ކޯޗު


ބްރެޒިލް އަތުން ރޭ 2-0 ން ބަލިވެ، މެކްސިކޯ ބަލިވި މެޗުގައި ބްރެޒިލްގެ ފޯވަޑް ކުރި ކަމަކީ އެކްޓްކޮށް މެޗު ލަސްކުރުން ކަމަށާއި، ރެފްރީ އެކަމަށް އަޅާނުލާ ކަމަށް ބުނެ މެކްސިކޯއިން ފާޑުކިޔައިފިއެވެ.

ކޯޗު ހުއާ ކާލޮސް އޮސާރިއޯ ނޭމާގެ ނަން ނުބުނެ ވާހަކަ ދައްކަމުން ބުނީ އަނިޔާވެއްޖެކަމަށް ހަދައި ނޭމާ ތަކުރާރުކޮށް އެކްޓްކުރި ކަމަށެވެ. އަދި ވަގުތު ދުއްވާލައި މެޗު ލަސްކުރަން ނޭމާ ކުރި ކަންތައްތަކަށް ރެފްރީ އަޅާނުލާ ކަމަށާއި، ނަމަވެސް މިއީ ދުނިޔޭގެ ފުޓްބޯޅައަށް ވެސް ލަދުވެތި އަމަލުތަކެއް ކަމަށެވެ.

"އަހަރުމެންނަށް ވަރަށް ގިނަ ވަގުތު ގެއްލިގެންދިޔަ އެއް ކުޅުންތެރިއަކާހުރެ. އަހަރުމެންނަށް އަހަރުމެންގެ ކުޅުމުގެ ސްޓައިލް ދެ ވަނަ ހާފުގައި ގެއްލިގެންދިޔަ ރެފްރީގެ ސަބަބުން. އެތައް ފަހަރަކު މެޗު ހުއްޓާފައި އޮތް. އެއްފަހަރު ހަތަރު މިނިޓްވަންދެން ވެސް މެޗު ހުއްޓާފައި އޮތް. އަހަރެން ކުޅުންތެރިންގެ އެކަމާ ވާހަކަ ދައްކައި ދައްކައި ވަރުބަލިވަމުންދިޔައީ. އަހަންނަށް ހީވަނީ މިއީ ދުނިޔޭގެ ފުޓްބޯޅައަށް ވެސް ލަދުވެތިކަމެއްހެން،" ކޯޗު ބުންޏެވެ.

ބްރެޒިލަށް ފުރަތަމަ ގޯލު ޖަހައިދީ ދެ ވަނަ ގޯލު ޖަހަން މަގު ފަހުކޮށްދިން ނޭމާ އެންމެ ބޮޑަށް އަނިޔާވިކަމަށް ހެދިގެން އުޅުނީ އޭނާ ވެއްޓިފައި އޮއްވައި މެކްސިކޯގެ މިގުއެލް އޭނާގެ ކުޑަހުޅަށް ފައިން އެރިކަމަށް ބުނެއެވެ. ނަމަވެސް ރެފްރީ އެހާދިސާގައި ދެ ކުޅުންތެރިންނަށް ވެސް ފިޔަވަޅެއްނާޅައެވެ.
ނަމަވެސް ކޯޗުގެ ވާހަކަތައް ދޮގުކޮށް ނޭމާ ވަނީ ނޫސްވެރިންނަށް ވަރަށް ތަފްސީލުކޮށް އޭނާއަށް ލިބުނު އަނިޔާގެ ވާހަކަތައް ކިޔާދީފައެވެ.
ކޯޗު ބުނީ ބަލިވި އެއް ސަބަބަކީ ބްރެޒިލްގެ އެޓޭކްތައް ވަރުގަދަވުން ކަމަށެވެ.

"ބްރެޒިލްގެ ކުރީގައި ތިބި ކުޅުންތެރިން ވަރަށް ނުރައްކާ. އެމީހުންނާ އެއް ހަމައަކަށް ދިއުމަށް މެކްސިކޯގެ ކުޅުންތެރިން ވީހާ ގިނައިން ޔޫރަޕުގައި ކުޅެންޖެހޭ،" ކޯޗު ބުންޏެވެ.