މިފަހަރުގެ ވަރލްޑްކަޕްގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނު ފުރަތަމަ މެޗުގައި ސްޕެއިން ކަޓުވާލުމަށްފަު ރަޝިޔާ މުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.
މުބާރާތް ބާއްވާ ޤައުމު ރަޝިޔާ ކްއާޓަރ ފައިނަލަށް ހަތުރުކުރީ މެޗުގެ ފުރިހަމަ ވަގުތާއި، އިތުރު ވަގުތުގެ ދެހާފް ނިމުނު އިރުވެސް 1-1 ން ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ން ކުރި ހޯދައިގެންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި ސްޕެއިންއަށް ކުރި ލިބުނީ ރަޝިޔާ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި ހާފް ނިމެން ދަނިކޮށް ރަޝިޔާއިން ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.
މުޅި މެޗަށް ބަލާއިރުވެސް ސްޕެއިންއަށް އެޓޭކްތަކެއް ނުކުރެވުނު މެޗުގައި 120 މިނިޓް ކުޅުމަށް ފަހު ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ރަޝިޔާއިން ވަނީ 4 ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. ފުރަތަމަ ޕެނަލްޓީ ސްޕެއިން ކީޕަރު ޑެހެއާ އަތުގައި ޖެހުނު ނަމަވެސް ބޯޅަ ގޯލަށް ވަނަ ނުދީ ހިފެހެއްޓޭގޮތެއް ނުވިއެވެ.
ސްޕެއިން ޓީމުން ޖެހި 5 ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ މަތަކޮށް މެޗުގެ ހީރޯއަކަށްވީ ރަޝިޔާގެ ކެޕްޓަން އަދި ކީޕަރު އީގޯ އަކިންފީވްއެވެ. އެނާ މަތަކުރީ ކޯކޭއާއި އަސްޕަން ޖެހި ޕެނަލްޓީއެވެ. ސްޕެއިން ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ އިނިއެސްޓާއާއި، ޖެރާޑްޕީކޭގެ އިތުރުން ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. ޕެނަލްޓީގެ އިތުރުންވެސް އިތުރު ވަގުތގެ ތެރޭގައި ސްޕެއިންގެ ދެ ބޯޅައެއް ރަޝިޔާގެ ކީޕަރު ދުފާއުކުރިއެވެ. އޭގެ ތެރޭގައި އިނިއެސްޓާ ފޮނުވާލި ބޯޅަ ހިމެނެއެވެ.
މިނަތީޖާއާއެކު ސްޕެއިންއަށްވެސް ވަނީ މުބާރާތް ނިމިފައެވެ. ސްޕެއިން ހިމެނޭ ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރި ދެޓީމް ކަޓުވާލުމަށްފަހު ކްއާޓަރ ފައިނަލުން ޖާގަ ހޯދީ ގްރޫޕް އޭގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދިޔަ އުރުގުއޭއާއި، ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރި ރަޝިޔާއެވެ. ކްއާޓަރ ފައިނަލްގައި ރަޝިޔާ ވާދަކުރާނީ މިރޭ ޑެންމާކާއި ކޮރޭޝިޔާ ވާދަކޮށް މޮޅުވާ ޓީމަކާއެވެ.