ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ޑިފެންސަށްވުރެ އިސްކަންދޭނީ އެޓޭކް ކުރަން ކަމަށް ޑެންމާކުން ބުނެފިއެވެ.
"އަހަންނަށް ހީވަނީ އެންމެނަށް ވެސް ކުރިން ފެނުނު ޑެންމާކަށްވުރެ ތަފާތު ޑެންމާކެއް މި މުބާރާތުން ފެނިއްޖެހެން. ކްރޮއޭޝިޔާ އަކީ އަހަރުމެންނަށްވުރެ މޮޅު ޓީމެއް. އެހެންވީމާ އަހަރުމެން ޑިފެންސް ކުރަންޖެހޭނެ. އެކަމަކު އަހަރުމެން އެއަށްވުރެ ބޮޑަށް އެޓޭކް ވެސް ކުރަންޖެހޭ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ މި މެޗަކީ ދެ ޓީމުގެ ވެސް މިޑްފީލްޑަރުންނަށް ވަރަށް ބޮޑަށް ބަރޯސާވާނެ މެޗެއް ކަމަށެވެ. މި ގޮތުން ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗާއި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން މި މެޗުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
"މިއީ މޮޑްރިޗާއި އެރިކްސަންގެ ކުރިމަތިލުމެއް. މިއީ ސަޕޯޓަރުންނަށް ވަރަށް ޝައުގުވެރިވާނެ މެޗެއް އެގޮތުން،" ހަރައިދޭ ބުންޏެވެ.
ނަމަވެސް މޮޑްރިޗް ބުނީ ވަކި ކުޅުންތެރިއަކާއި އޭނާއާ އަޅާކިޔަން ބޭނުން ނުވާ ކަމަށެވެ.
"އަހަންނާއި އެއްވެސް ކުޅުންތެރިއަކު އަޅާކިޔާކަން ބޭނުމެއްނޫން. އަހަރެން އޭނާ އަށްވުރެ ދަށްވާނެ ކަމަށް ވެސް ނުދެކެން. އޭނާ އަކީ ޑެންމާކުގެ އެންމެ މުހިންމު ކުޅުންތެރިޔާ. އޭނާ ވަނީ ޓޮޓެންހަމުގައި ވަރަށް ރަނގަޅު ސީޒަނެއް ނިންމާލާފައި،" ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޓޮޓެންހަމުގެ ކުރީގެ މިޑްފީލްޑަރު ބުންޏެވެ.
މި މެޗާ ބެހޭ ގޮތުން ކްރޮއޭޝިޔާގެ ކޯޗު ލަޓްކޯ ޑަލިކް ބުނީ ޓީމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި، ޕްރެޝަރެއް އޮތްނަމަ އޮތީ އޭނާގެ ޓީމުން އަމިއްލަ އަށް ގެންގުޅޭ ޕްރެޝަރެއް ކަމަށެވެ.