ކުޅިވަރު

ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖަށް އެމް.ޑަބްލިޔު.އެސް.ސީ


ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖަށް ހިތްވަރު ދިނުމުގެ ގޮތުން، އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ބައިވެރިވެއްޖެއެވެ.

ޕާރޓްނަރޝިޕް އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ދެކުންފުންޏަކީ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ދެ ކުންފުނި ކަމަށާއި، އަބަދުވެސް އެއް ކުންފުނި އަނެއް ކުންފުންޏަށް އެއްބާރުލުން ދެއްވަމުން އަންނަކަމަށެވެ. ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖްގައި ބައިވެރިވުމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓަށާއި، މުވައްޒަފުންނަށް ޕީއެސްއެމްގެ ފަރާތުން އެމްޑީ ވަނީ ޝަކުރު އަދާކުރައްވާފައެވެ.

" އަޅުގަނޑުމެން ދެ ކުންފުންޏަކީ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ދެ ކުންފުނި. އަޅުގަނޑުމެން އެދޭ ކަންތައްތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އަބަދުވެސް އެއްބާރުލުންދެއްވާ. އަދި އަޅުގަނޑުމެންވެސް ވީވަރަކުން އެއްބާރުލުން ދެމުން މިއަންނަނީ. ކުރިމަގުގައި މިއަށްވުރެ ބޮޑު ގުޅުމެއް ބޭއްވުން އުއްމީދަކީ. މިއެއްބަސްވުމުގެ ދަށުންވެސް އެމް.ޑަބްލިޔު.އެސް.ސީގެ މައުލޫމާތުތައް ފޯރުކޮށްދެވޭނެ. އެކުންފުންޏަކީ ރައްޔިތުންނަށް ވަރަށް މުޙިއްމު ޚިދުމަތްތަކެއް ދެމުން އަންނަ ކުންފުންޏެއް. " އެމްޑީ ވިދާޅުވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ މުބާރާތުގެ މިހާ ހިސާބުންވެސް ކަވަރޭޖްގައި ބައިވެރިވީ ޕީއެސްއެމްގެ މުވައްޒަފުންނަށް، ކަވަރޭޖަށް ހިތްވަރެއް ދެއްވުމުގެ ގޮތުންކަމަށެވެ. ޕީއެސްއެމް ކަވަރޭޖް ރާއްޖޭގެ އެކި ހިސާބުތަކުން ބައްލަވާ ހުރިހާ ފަރާތްތަކަށްވެސް އުފާވެރިކަމަށް އެދޭކަމަށް ފަޒުލް ވިދާޅުވިއެވެ. ދެކުންފުނީގެ ދެމެދުގައި އަބަދުވެސް ރަނގަޅު ގުޅުމެއް އޮންނަކަން ފާހަގަކުރައްވަމުން ފަޒުލް ވިދާޅުވީ ކުރިއަށް އޮތް ތާނގައި ޕީއެސްއެމް މެދުވެރިކޮށް، އެކުންފުނީގެ ޚިދުމަތްތަކާއި، މުޙިއްމު މައުލޫމާތުތައް ޕްރޮގްރާމެއްގެ ތެރެއިން ގެނެސްދިނުމަކީ ހުވަފެނެއްކަމަށެވެ.

" ސްޕޮންސަރ ދިނުން ކުޑަތަންކޮޅެއް ލަސްވެސްވެއްޖެ. އެކަމަކު އަޅުގަނޑުމެން މަޑުކޮށްލައިގެން ތިބީ ގަދަ ސޯޅައާ ޖެހެންދެން. އަޅުގަނޑުމެންގެ ބޭނުމަކީ އަޅުގަނޑުމެންގެ ފަރާތުން ޕީއެސްއެމްގެ ޓީމަށް ހިތްވަރެއް ދިނުން. އަޅުގަނޑުމެންވެސް ފަހަތުގައި ތިބިކަން ދައްކައިދިނުން. އަޅުގަނޑުމެން އެދެނީ ހުރިހާ ކަންކޮޅަކުން ޕީއެސްއެމް ކަވަރޭޖް ބައްލަވާ ފަރާތްތަކަށް އުފާވެރިކަން " ފަޒުލް ވިދާޅުވިއެވެ.

ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖްގައި ޓީމްތަކުގެ މުޙިއްމު މައުލޫމާތުތަކާއި، މުބާރާތުގެ ފޯރި އަދި ޓެކްނިކަލް މައުލޫމާތުތައްވެސް އަންނަނީ ގެނެސްދެމުންނެވެ.