ރިޔާސީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ރާޢްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުން ހަމަހަމަ ފުރުޞަތު ދޭންޖެހޭ ގޮތަށް އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނަށް ސަރުކާރުގެ ފަރާތުން އިޞްލާޙު ހުށަހަޅައިފިއެވެ.
ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުޙައްމަދު ހުށަހެޅުއްވި އެ އިޞްލާޙުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ހަމަހަމަކަމާއިއެކު ފުރުޞަތު ދޭންވާނެ ކަމަށެވެ. އަދި ވަކި ކެނޑިޑޭޓަކަށް ނުވަތަ ޕާޓީއަކަށް އިތުރަށް ވަގުތު ވިއްކައިގެން ނުވާނޭކަމަށްވެސް މި އިސްލާހުގައިވެއެވެ.
އިސްލާހު ހުށައަޅުއްވަމުން އަލީ މުހައްމަދު ވިދާޅުވީ ޢާންމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް މި އިޞްލާޙެއް ހުށަހެޅުއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށް ސުޕްރީމްކޯޓުން ކަނޑައެޅި ގައިޑްލައިންގައި ބުނެފައިވާ ކަންކަން ފުރިހަމަ ކުރުމަށް ކަމަށެވެ.
މި އިޞްލާޙާއި އެކު ޤާނޫނާއި ހިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންގެ މައްސަލަތައް ހުށައަޅާ ފަސޭހަކަމާއި އެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް އާ އިސްލާހުގައި ބްރޯޑްކާސްޓިން ކޮމިޝަނަށްގެ މައްޗަށްވެސް ވަނީ ލާޒިމު ކުރެ އެވެ. އަދި އެފަދަ މައްސަލަތައް ބަލައި ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެކަމަށްވެސް މަޖިލީހަށް ހުށައެޅި އިސްލާހުގައިވެއެވެ. އަދި އެފަދަ މައްސަލަތައް ބަލާ ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ހުށައެޅުމުގެ ބާރުވެސް މި އިސްލާހުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ދީފަ އެވެ.