މިރޭ އާޖެންޓީނާ އާއި ދެކޮޅަށް ނިކުންނަ މިޗަކީ މިމުބާރާތުގައި ކްރޮއޭޝިއާ ކުޅޭނެ އެންމެ ފަސޭހަ މެޗު ކަމަށް ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފިއެވެ.
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޑީގައި އާޖެންޓީނާ އާއި ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކްރޮއޭޝިއާ ޓީމުގެ ކޯޗު ޒްލަޓްކޯ ބުނީ އާޖެންޓީނާ މެޗު ވެގެން ދާނީ ވަރުގަދަ ޗެލެންޖަކަށް ކަމަށެވެ. އަދި ހަމައެއާއެކު އަޖެންޓީނާ މެޗަކީ މިމުބާރާތުގައި ކްރޮއޭޝިއާ ކުޅޭނެ އެންމެ ފަސޭހަ މެޗުކަމަށެވެ. އެއީ ކްރޮއޭޝިއާ ޓީމަށް އެއްވެސް ޕްރެޝަރެއް ނެތުމުން ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
"މިއީ މިމުބާރާތުގައި އަހަރުމުން ކުޅޭނެ އެންމެ ފަސޭހަ މެޗު. އެއީ އަހަރުމެންނަށް އެއްވެސް ޕްރެޝަރެއް ނެތުން. ފުރަތަމަ މެޗުގައި ތިން ޕޮއިންޓް ހޯދުމާއެކު ދެވަނަ ބުރަށް ދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަރަށް ސާފުކޮށް އިނގޭ. ދެމެޗުން ބޭނުންވަނީ އެއް މޮޅު. އެހެންމަވެސް މިމެޗަށް ނިކުންނާނީ ޕޮއިންޓެއް ހޯދުމުގެ ބަދަލުގައި މެޗުން މޮޅުވާން. ޕޮއިންޓެއް ހޯދަން ނިކުމެއްނެ ނަމަ އެކަން ހާސިލް ކުރަން އުނދަގޫވާނެ. އެކަމު މޮޅުވުމުގެ އަޒުމުގައި ނިކުމެއްޖެ ނަމަ ކޮންމެސް އެއްޗެއް މެޗުން ލިބުމުގެ ފުރުސަތު ބޮޑު." ޑަލިޗް ބުންޏެވެ.
ކްރޮއޭޝިއާ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ދޭއް ސުމަކުން ނައިޖީރިއާ ބަލިކޮށްފައެވެ.
ފުރަތަމަ މެޗުގައި އެކެއް އެކަކުން އައިސްލޭންޑް އަތުން އެއްވަރުވި އާޖެންޓީނާ ޓީމުގެ ކޯޗު ހޯހޭ ސަމްޕޯލީ ބުނީ ކްރޮއޭޝިއާ މެޗަށް ޓީމު އޮތީ ތައްޔާރަށް ކަމަށެވެ. އަދި އައިސްލޭންޑް އަތުން މޮޅު ނުވެވުމަކީ ޓީމަށް ދިމާވި ބޮޑު ގޮންޖެހުމެއް ކަމަށާއި އެކަމުން މިހާރު ޓީމު އަރާގަނެފައިވާ ކަމަށެވެ.
ޓީމުގެ ކެޕްޓަން މެސީ އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ސަމްޕޯލީ ބުނީ މެޗަކުން އާޖެންޓީނާ މޮޅުވުމުން ތައުރީފް މުޅި ޓީމަށް ލިބޭކަމަށާއި އެހެންނަމަވެސް ބަލިވާ ކޮންމެ ފަހަރަކު ޒިންމާ ނަގަންޖެހެނީ މެސީ އެކަނި ކަމަށެވެ. އެއީ އެކަން ވާންޖެހޭނެ ގޮތް ނޫން ކަމަށާއި ޓީމުގެ ހުރިހާ މެމްބަރުންގެ ހިއްސާވެސް ހުރިހާ ކަމެއްގައިވެސް ހިމެނޭނެ ކަމަށެވެ.
"އާޖެންޓީނާ ޖޯޒީގައި ގޯލެއް ޖަހާ މެޗަކުން މޮޅުވާ ކޮންމެ ފަހަރަކު މުޅި ޓީމަށް އެކަމުގެ ތައުރީފް ލިބޭ. އެހެންނަމަވެސް ބަލިވާ ކޮންމެ ފަހަރަކު ޒިންމާ ނަގަން ޖެހެނީ ލިއޯ އެކަނި. މިއީ އަހަރެން ދެކޭ ގޮތުގައި ވަރަށް ބޭއިންސާފުވެރިކަމެއް. އަދި އެއްކުޅުންތެރިއަކަށް މިހާބޮޑޫ ޒިންމާއެއް ހަވާލުކުރުމަކީ ވަރަށް ބޮޑު ޕްރެޝަރެއް އެކުޅުންތެރިއަކަށް ކުރިމަތިވާކަމަށް. އައިސްލޭންޑް މެޗުގައި ޕެނަލްޓީ ކާމިޔާބުނުކުރެވުމުގެ ޒިންމާ އަހަރެންވެސް ނަގަން. ލިއޯ އަކީ އަބަދުވެސް ޓީމަށް އިތުރު ގޮތްތަކެއް ދައްކުވައިދޭ މުހިއްމު ކުޅުންތެރިއެއް. އެހެންނަމަވެސް ބަލިވާ ކޮންމެ ފަހަރަކު އޭނާ އެކަމުގެ ޒިންމާ އުފުލާކަށް ނުޖެހޭނެ." ސަމްޕޯލީ ބުންޏެވެ.
ކްރޮއޭޝިއާ އާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ރާއްޖެ ގަޑިން އެގާރަ ޖަހާއިރެވެ.