އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫގައި ޤާއިމްކުރާ ނަރުދަމާގެ މަޝްރޫޢުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އައްޑޫ ސިޓީގެ ނަރުދަމާ މަޝްރޫޢުގެ ދަށުން، މަރަދޫ، މަރަދޫފޭދޫ، ފޭދޫގައި 38 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. މިތިން ރަށުގައި ނަރުދަމާގެ މަޝްރޫޢު ޤާއިމްކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން ފޭދޫގައި 6 ޕަމްޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޕަމްޕް ސްޓޭޝަންތަކުން ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓާއި ގުޅޭ ޕްރެޝަރ ނެޓްވޯރކްގެ ހޮޅި އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގޭބިސީތަކަށް ހޮޅިގުޅުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގައި ފަށާނެކަން އޭނާ ފަހަގަކުރެއްވިއެވެ. އެގޮތުން މިތިން ރަށުގެ 2500 ގޭބިސީއަށް ނަރުދަމާ ހޮޅި ގުޅުމަށް ހަމަޖެހިފައިވެއެވެ.
ހުޝާމް ވިދާޅުވީ، މިމަޝްރޫޢުގައި ގްރެވިޓީ ނެޓްވޯރކް އެޅުމުގެ މަސައްކަތުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ފޭދޫގައި ޤާއިމްކުރާ ސްވަރޭޖް ޓްރީމަންޓް ޕްލާންޓްގެ ކޮންކްރީޓް މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށާއި މަރަދޫ އަދި މަރަދޫ-ފޭދޫ ޓްރާންސްފަރ ސްޓޭޝަންގެ ކޮންކްރީޓް މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
130 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއަކީ އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވަލޮޕްމަންޓް، އޯފިޑްގެ ލޯން އެހީގެ ދަށުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ނަރުދަމާ ޤާއިމްކުރުމުގެ މުޅި މަޝްރޫޢު އޯގަސްޓް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން މާލޭ ސުވަރޭޖް އެންޑް ވޯޓަރ ކޮމްޕެނީ، އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްގެން އައްޑޫ ސިޓީ ހިތަދޫގައިވެސް ދަނީ ނަރުދަމާގެ މަޝްރޫޢު މަސައްކަތް ކުރަމުންނެވެ. މިމަޝްރޫޢުގެ ދަށުން ހިތަދޫގެ 870 ގެއަކަށް ނަރުދަމާ އެޅުމަށް ހަމަޖެހިފައިވެއެވެ.
އަދި ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ކުންފުންޏާ ޙަވާލުކޮށްގެން ހުޅުމީދޫގައިވެސް ނަރުދަމާ އެޅުމުގެ މަސައްކަތް ދަނީކުރަމުންނެވެ. ހުޅުމީދޫ ނަރުދަމާގެ މަޝްރޫއަކީވެސް އޮފިޑްގެ ލޯން އެހީގެ ދަށުން 113 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ކުރިއަށްދާ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާ ޚިދުމަތް ދޭން ފެށުމެވެ.