ސްވިޒަރލެންޑް އަތުން މޮޅު ނުވެވި، މަޝްހޫރު ބްރެޒިލްގެ ފެށުންވެސް ގޯސްވެއްޖެއެވެ.
ޒުވާން މޮޅު ކުޅުންތެރިންނާއެކު މުބާރާތާ ކުރިމަތިލީ ބްރެޒިލް ފުރަތަމަ މެޗުގައި މިރޭ ސްވިޒަރލެންޑާ ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ފުރަތަމަ ހާފްގެ ވިހި ވަނަ މިނިޓްގައި ޕެނަލްޓީ އޭރިޔާގެވެސް ބޭރުން، ކުޓީނިއޯގެ ރަސްމީ ހިސާބުން ފޮނުވާލި ބާރު ބޯޅައިން ބްރެޒިލް ލީޑް ނެގިއެވެ. ވިހި މިނިޓްގެ ތެރޭގައި ލީޑް ނެގުމުން ބްރެޒިލް ފަސޭހައިން މެޗު ކާމިޔާބުކުރާނެކަމަށް ބެލެވުނު ނަމަވެސް ބްރެޒިލްގެ ހަމަލާތައް ކާމިޔާބެއް ނުކުރެވުނެވެ. ނަތީޖާއަކީ ދެވަނަ ހާފްގައި ލިބުނު ކޯނަރެއް ޕެނަލްޓީއޭރިޔާ ތެރެއަށް ހުރަސްވި ވަގުތު ބޮލުން ފޮނުވާލައިގެން ޒޫބަރ ސްވިޒަރލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނުމެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 50 ވަނަ މިނިޓްގައެވެ.
މެޗުން މޮޅު ނުވެވުނު ނަމަވެސް ބްރެޒިލްއިން ވަނީ ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އޭގެ ތެރެއިން ގޯލާ އަމާޒުކުރެވުނީ ހަތަރު ބޯޅައެވެ. ނުވަ ބޯޅައެއް ގޯލާ އަމާޒުނުވެ ދިޔައެވެ. މިނަތީޖާއަކީ ސްވިޒަރލެންޑަށް ހިތްހަމަޖައްސާލެވޭނެ ނަތީޖާއެކެވެ.
މެޗަށް ފަހު އެޓީމްގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. މެޗުން މޮޅު ނުވުމުން ބްރެޒިލްވެސް ހިމެނިފައިވަނީ އާޖެންޓީނާއާއި، ސްޕެއިންއާއެކު ފެށުން ގޯސްވި ޓީމްތަކުގެ ތެރޭގައެވެ. މީގެއިތުރުން ޗެމްޕިއަން ޖަރމަނީ އަކީ ފެށުން އެންމެ ގޯސްކޮށްދިޔަ މަޝްހޫރު ޓީމެވެ. އެމީހުން ވަނީ ފުރަތަމަ މެޗުގައި މެކްސިކޯ އަތުން ބަލިވެފައެވެ.