ކުޅިވަރު

ޓްކޮނޮލޮޖީގެ އެހީގައި ފްރާންސްގެ ފެށުން މޮޅަކުން!


ޓެކްނޮލޮޖީގެ އެހީގައި މޮޅަކުން ފްރާންސް ވަރލްޑްކަޕް ފަށައިފިއެވެ.

އޮސްޓްރޭލިޔާއާ ވާދަކޮށް 2-1 ން ފްރާންސް ކުރި ހޯދި މެޗުގައި ފްރާންސްގެ ދެ ލަނޑުވެސް ލަނޑެއްކަމަށް ނިންމީ ޓެކްނޮލޮޖީގެ އެހީގައެވެ. އެގޮތުން ފުރަތަމަ ލަނޑު ގްރިޒްމަން ޖެހީ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީ ހޯދައިގެން ދިން ޕެނަލްޓީންނެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ގްރިޒްމަންއަށް ފައުލްކުރި ނަމަވެސް ރެފްރީ އެއީ ފައުލެއް ނޫންކަމަށް ބަލާ ކުޅުން ކުރިއަށް ގެންދަނިކޮށް، ބަދަލުރެފްރީންގެ އިޝާރާތަށް މެޗު މެދުކަނޑާލާ، ވީޑިއޯއިން މަންޒަރު ބެލުމަށްފަހު ރެފްރީ ވަނީ ފްރާންސަށް ޕެނަލްޓީ ދިނުމުގެ އިތުރަށް ފައުލްކުރި މެތިއު ލެކީއަށް ރީނދޫކާޑްވެސް ދައްކާފައެވެ.

ފްރާންސުން ލަނޑު ޖެހިތާ ތިން މިނިޓް ފަހުން އޮސްޓްރޭލިޔާއިން ވަނީ ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފައެވެ. އޮސްޓްރޭލިޔާއަށް ޕެނަލްޓީ ލިބުނީ އެމީހުން ފްރާންސް އޭރިޔާތެރެއަށް ހުރަސްކުރި ބޯޅައިގައި އުމްޓީޓީ އަތުން ޖެއްސުމުންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ ކެޕްޓަން މިލޭ ޔެޑިނަކްއެވެ. ފްރާންސުން މެޗުގައި ކުރި ހޯދީ ޕައުލް ޕޮގްބާ ކާމިޔާބުކުރި ލަނޑުންނެވެ. 80 ވަނަ މިނިޓްގައި ޕޮގްބާ ފޮނުވާލި ބޯޅަ ހުރަސް ދަނޑީގައި ޖެހިފަ ގޯލްގެ ރޮނގުން އެތެރެވިކަން ރެފްރީ ނިންމީ ގޯލްލައިން ޓެކްނޮލޮޖީގެ އެހީގައެވެ.
ފްރާންސްގެ ކުރިއަށް ކުޅުނު އެމްބައްޕޭއާއި، ޑެމްބޭލޭ އަދި ގްރީޒްމަން ހުއްޓުވުމުގައި އޮސްޓްރޭލިޔާގެ ޑިފެންޑަރުން ވަނީ ކާމިޔާބު ހޯދާފައެވެ. ދެވަނަ ހާފްގައި ފްރާންސް ކޯޗު ޑެޝޯމް ވަނީ ގްރީޒްމަންގެ އިތުރުން ޑެމްބޭލޭވެސް ބަދަލުކޮށްފައެވެ.

މިގްރޫޕްގައި ޕެރޫއާއު ޑެންމާކް ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ.