މި ރޯދަމަހުގެ ދެވަނަ ދުވަހު މާލޭގެ މަގެއްގެ މަތީގައި ދެ ގޭންގެއްގެ މެދުގައި ހިނގި ހަމަނުޖެހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހްޤީގު ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ އެފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތަކަކީ ފުލުހުން ވަރަށް ހާއްސަ އިސްކަމެއްދީގެން ބަލަމުން ގެންދާ މައްސަލަތަކެއް ކަމަށާއި އެގޮތުގެ މަތިން އެމައްސަލަވެސް ބަލަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.
"އެހެންވީމަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ މައްސަލަ ތަޙްޤީގް ކުރަަމުން އެދަނީ. ވަރަށް ބޮޑެތި ކުރިއެރުންތަކެއްވެސް އިރާދަކުރެއްވިއްޔާ ލިބެމުން އެދަނީ. ތަޙްޤީގް ކުރަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްޞީލެއް މިވަގުތު އަޅުގަނޑަކަށް ދެވޭކަށްނެތް،" ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ ރޯދަމަހުގެ ދެވަނަ ދުވަހު އެ މަންޒަރު ފެނުނު ފަހުން އެފަދަ އެއްވެސް މަންޒަރެއް މާލޭގެ މަގެއްގެ މަތިން ފެނިފައިނުވާ ކަމަށެވެ. އަދި ރޯދަމަސް ނިމިގެން މިދަނީ ފުރަ މާލެއިން އެ މައްސަލައާ އަދި އެފަދަ އެހެން އެއްވެސް މައްސަލައެއް ފެންމަތިނުވެ ކަމަށާއި އެހެންކަމުން މިއީ އުފާކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދެ ގްރޫޕެއްގެ ދެމެދުގައި ހިނގާދިޔަ އެ ޒުވާބުގައިވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.