ކުޅިވަރު

ޕީއެސްއެމް ފީފާ ވޯލްޑްކަޕް ކަވަރޭޖުގެ އެސޯސިއޭޓް ޕާޓްނަރަކަށް އެޓޯލް މާކެޓް


ޕީއެސްއެމް ފީފާ ވޯލްޑްކަޕް ކަވަރޭޖުގެ އެސޯސިއޭޓް ޕާޓްނަރ އެޓޯލް މާކެޓާއިއެކު ސޮއިކޮށްފިއެވެ.

ޕާޓްނާރޝިޕް އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފެވެ. އެޓޯލް މާކެޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ހަފީޒެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފް ވިދާޅުވީ ވޯލްޑްކަޕް ކަހަލަ ބޮޑު މުބާރާތެއް ޓީވީ ޗެނަލްތައް މެދުވެރިކޮށް ދެއްކުމަކީ ޓެކްނިކަލް ގިނަ ކަންތައްތަކެއް ހިމެނޭކަމެއްކަމަށާއި، އެޓޯލް މާކެޓް ޕީއެސްއެމްގެ ޓީމާއި ގުޅުމާއިއެކު މިކަންކަމަށް އިތުރު ފަސޭހަތަކެއް ލިބޭނެކަމަށެވެ.

އެޓޯލް މާކެޓްގެ އެހީތެރިކަމާއިއެކު ވޯލްޑްކަޕްގެ މެޗުތައް މެދު ނުކެނޑި ގެނެސްދިނުމުގައި ޕީއެސްއެމްގެ ޓީމަށް އިތުރު ފަސޭހަތަކެއް ލިބޭނެކަމަށްވެސް ޑީއެމްޑި އިކްރާމް ވިދާޅުވިއެވެ. އިކްރާމް ވިދާޅުވީ މުބާރާތުގެ މެޗުތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެއްކުމަށް ޕީއެސްއެމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އަތޮޅުތަކުގެ ކޭބަލް ޓީވީ އޮޕަރޭޓަރުންގެ އެހީތެރިކަންވެސް މިކަމުގައި ބޭނުންވާކަމަށެވެ.

ހިލޭ ޕީއެސްއެމުން ފޯރިކޮށްދެމުންދާ ޑީކޯޑަރުތައް ހޯދައި ރާއްޖޭގެ ރިސޯޓްތަކާއި ރަށްތަކުގައި ވޯލްޑްކަޕްގެ ފޯރި ނެންގެވުމަށް އިކްރާމް ވިދާޅުވިއެވެ. ހުއްދަނެތި ޗެނަލްތައް ދެއްކުމަކީ ދުނިޔޭގައިވެސް ބޮޑެތި ގާނުނުތައް ހެދި ހަރުކަށި އަދަބުތަކެއް ކަނޑައެޅިފައިވާ ކަމެއްކަމުން، ހުރިހާ ކޭބަލް ޓީވީ އޮޕަރޭޓަރުންވެސް އަދި އެހެނިހެން ފަރާތްތަކުންވެސް ޕީއެސްއެމްއާއި ގުޅިގެން މިކަން ކުރިއަށްގެންދިޔުމަށް އެދިވަޑައިގެންނެވިއެވެ.

"ރާއްޖޭގެ އުތުރާއި ދެކުނުގައި ކޭބަލް ޓީވީގެ ޚީދުމަތްދޭ ގިނަ ފަރާތްތަކެއް އެބަހުރި، އެކަމަކު މީގެއިން ބައެއް ފަރާތްތަކަކީ ނުވަތަ އޮޕަރޭޓަރުންނަކީ ހުއްދަނެތި ޗެނަލްތައް ގެނެސްދޭ ފަރާތްތައް. އެނގިވަޑައިންނަވާނެ ފަދައިން ދުނިޔޭގައި ފިކުރީ މުދާ ހުއްދަނެތި ބޭނުންކުރާކަމަށްވާނަމަ ހަރުކަށި ފިޔަވަޅުތައްވެސް އެޅޭ. އަޅުގަނޑުމެން އެންމެހައި ފަރާތްތަކަށްވެސް ކުރާ އިލްތިމާސަކީ ޕީއެސްއެމްއާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވޯލްޑްކަޕް ފޯރުކޮށްދިނުމުގައި އެހީތެރިވުން. " ޑީއެމްޑީ އިކްރާމް ވިދާޅުވިއެވެ.

އެޓޯލް މާކެޓުގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ހަފީޒު ވިދާޅުވީ އެކުންފުންޏަކީ އޮފީސް އޮޓޮމޭޝަން ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއްކަމަށާއި، މި ތަޖުރިބާއާއިއެކު މިފަހަރުގެ ވޯލްޑްކަޕް ފުރިހަމަކޮށް ގެނެސްދިނުމުގައި އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.

"އަޅުގަނޑުމެން މިދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެއްޖެ. މި ތަޖުރިބާއާއިއެކު ޕީއެސްއެމަށް މި ކަވަރޭޖަށް އަޅުގަނޑުމެންގެ މުޅީ ޓީމުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ" އަހުމަދު ވިދާޅުވިއެވެ.

ޕީއެސްއެމް ކަވަރޭޖް " 2018 ފީފާ ވަރލްޑް ކަޕް ރަޝިޔާ " ކަވަރޭޖުގައި ކޮންމެ ދުވަހަކުވެސް ދަނީ ވަރލްޑްކަޕްގެ މުޙިއްމު މައުލޫމާތުތަކާއި، ކުޅުންތެރިންގެ ވާހަކަތައް ގެނެސްދެމުންނެވެ. އަދި މީގެ އިތުރުން ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު މުބާރާތުގެ މައުލޫމާތުތައް ހިމެނޭ ޕްރޮގްރާމްތައްވެސް ޕީއެސްއެމްގެ ޗެނަލްތަކުން އަންނަނީ ގެނެސްދެމުންނެވެ.