ޚަބަރު

މުފްތީ މެންކް އައްޑޫސިޓީ ސްކޫލްތަކުގެ ދަރިވަރުންނާ ބައްދަލު ކުރައްވައިފި


ދިވެހި ސަރުކާރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ ދުނިޔެގެ މަޝްހޫރޫ ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް އައްޑޫސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ހިތަދޫ، ހިރާ ސްކޫލުގައި ބޭއްވި މިބައްދަލުވުމުގައި އައްޑޫސިޓީ ގިނަ ސްކޫލްތަކަކުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މުފްތީ މެންކް ވަނީ ދުނިޔޭގައި އިންސާނާ ދިރިއުޅެނީ ވަރަށް ކުޑަ ހިނދުކޮޅަކަން ފާހަގަކުރައްވައި، އާޚިރަތަށްޓަކައި މަސައްކަތް ކުރުމަށް ދަރިވަރުންނަށް ގޮވައިލައްވާފައެވެ.

މުފްތީ މެންކް އައްޑޫސިޓީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި މިރޭގެ ތަރާވީޙް ނަމާދަށްފަހު ނޫރާނީ ސްކޫލުގައި ވަރަށް ޚާއްސަ ދަރުހެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ނުވަގަޑި ފަނަރައެއްހާއިރުއެވެ.

މި ދަރުހަކީ އިސްލާމިކް މިނިސްޓްރީއާއި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ދީނީ ތިން ޖަމްޢިއްޔާއެއް ކަމަށްވާ ނޫރުލް އިސްމްއާއި، ޖަމްޢިއްޔަތުލް އުލަމާގެ އިތުރުން ރަބީޢުލް ޤުލޫބް ފައުންޑޭޝަނާ ގުޅިގެން ބާއްވާ ދަރުހެކެވެ. މީގެ އިތުރުން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މާދަމާރޭ އިސްލާމީ މަރުކަޒުގައި ބާއްވާ އިޙްޔާ ޖަލްސާގައިވެސް މުފްތީ މެންކު ދަރުސްދެއްވުމަށްވަނީ ހަމަޖެހިފައެވެ.