ކެމަރޫނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ސެމިއުލް އެޓޫ އަށް ކޮރަޕްޝަނުގެ ތުހުމަތު އަމާޒު ވެއްޖެ އެވެ.
ކުރިން ވެސް މިފަދަ ތުހުމަތުތަކެއް ކުރެވިފައިވީ ނަމަވެސް އެޓޫ އަށް މި ފަހަރު މައްސަލަތަކަކާ ކުރިމަތިލާން ޖެހުނީ ކެމަރޫނުގެ ބައެއް ކުލަބުތަކުން އޭނާ އަށް ފިޔަވަޅު އަޅަން ބާރު އަޅަން ފެށުމުންނެވެ. މި ގޮތުން ދަ އެސޯސިއޭޝަން ފޯ އެމެޗާ ފުޓްބޯޅަ ކުލަބްސް އޮފް ކެމަރޫނުން ވަނީ މައްސަލަ ބަލައި އެޓޫ އަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައިފަ އެވެ. އަދި މިއާއެކު މައްސަލަ ކޯޓަށް ވެއްދުމަށް މިހާރު ވަނީ ލިޔެކިއުން ފުރިހަމަ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އިޓަލީގެ އިންޓަމިލާނާއި ސްޕޭނުގެ ބާސެލޯނާގައި މޮޅަށް ކުޅުނު ކެމަރޫނުގެ ކުރީގެ ގައުމީ ކެޕްޓަނަށް މައްސަލަ ދިމާވީ ރަޝިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން އޭނާގެ އަމިއްލަ އެކައުންޓަށް ހަ ލައްކަ ފަންސާސް ފަސްހާސް ޑޮލަރު ޖަމާކުރުމާ ގުޅިގެންނެވެ. ކެމަރޫނުގެ ފުޓްބޯޅަ ފެޑަރޭޝަނާއި ރަޝިޔާގެ ފުޓްބޯޅަ އެސޯސިއޭޝަނާ ދެމެދު ކޮށްފައިވާ އެގްރީމަންޓްގެ ދަށުން މިއީ 2023 ވަނަ އަހަރު ދެ ގައުމުގެ ގައުމީ ޓީމުގެ އެކުވެރި ކަމުގެ މެޗުތަކެއް ކުޅެން ހަމަޖައްސައި އެކަމުގެ އަގު ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެޓޫ ވަނީ މަގާމުގެ ނާޖާއިޒު ފައިދާ ނަގައި އޭނާ އެއްވެސް ގޯސް ކަމެއް ނުކުރާ ކަމަށް ތަޖުރާރުކޮށް ބުނަމުންނެވެ.
ބައެއް ފަރާތްތަކުން ބުނަނީ މިއީ ދާދި ފަހުން އެޓޫ، ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ތާއީދު ކޮށްފައިވާތީވެ އެ ނިންމުން ބަދަލު ކުރަން ކެމަރޫނުގެ ފުޓްބޯޅަ ކުލަބުތަކުން އޭނާ އަށް ކުރިމަތިކުރާ ޕްރެޝަރެއް ކަމަށެވެ.
އެޓޫ ކެމަރޫނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް އިންތިހާބުވީ 2021 ވަނަ އަހަރު އެވެ. އަދި އޭނާ އަށް ވަނީ 2024 ވަނަ އަހަރު ފީފާގެ އަދަބެއް ކުރިމަތިވެފަ އެވެ. އެއީ ފީފާގެ ކޯޑް އޮފް އެތިކްސްއާ ހިލާފު މައްސަލާގަ އެވެ. މި ކަމުގެ އަދަބެއްގެ ގޮތުން ކެމަރޫން ކުޅޭ ހަ މެޗަކަށް ދަނޑަށް ވަޑައިގަތުން އެޓޫ އަށް މަނާ ކުރި އެވެ.