ދިވެހިރާއްޖެއާއި ޕާކިސްތާން އަސްކަރިއްޔާއާއި ދެމެދު ގުޅުން ބަދަހިކުރުމަށް ބާއްވާ 4 ވަނަ ސްޓާފް ޓޯކްސްގައި ބައިވެރިވުމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.
ސްޓާފް ޓޯކްސްއަކީ ޕާކިސްތާނާއި ދިވެހިރާއްޖެއާއި ދެމެދު ދިފާޢީ އަދި އަސްކަރީ ގުޅުން ބަދަހިކުރުމަށާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާ އިތުރަށް ތަރަށްޤީ ކުރުމުގެ ގޮތުން ބާއްވާ މަޝްވަރާތަކެކެވެ. މި މަޝްވަރާތައް ކުރިއަށްދާނީ މި މިމަހުގެ 10 އާއި 11 ވަނަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ޖޮއިންޓް ސްޓާފްސް ހެޑްކުއޯޓަރުގައެވެ.
މަޝްވަރާތަކުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޑައިރެކްޓްރޭޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޢަބްދުލް މަތީން އަޙްމަދާއި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރެއިނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އިސްމާއީލް ނަޞީރުގެ އިތުރުން ޕާކިސްތާނުގައި ހުންނަ ދިވެހި ޑިފެންސް އެޑްވައިޒަރ ލެފްޓިނަންޓް ކާނަލް އިބްރާހީމް ހިލްމީ ބައިވެރިވެއެވެ.