ޚަބަރު

ކަމަދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް ޤާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފި


މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް ޤާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަދޫގައި ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ވެހިކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއެވެ. 3 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫޢުއަށް ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 1.19 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.

700 ވުރެ ގިނަ މީހުން ދިރިއުޅޭ ކަމަދޫގެ ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރުގެ ނާއިބު، ޢަލީ ޢާމިރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނިކޮށި ޤާއިމްކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ބ. އަތޮޅު ހިމެނޭ ޒޯން ދޭއްގެ ހުރިހާ ރަށެއްގައި ކުނި މެނޭޖުކޮށް ކުނިކޮށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

"ކުނި މެނޭޖުކުރުމަށް ހިންގާ ސާފު ރާއްޖެ ކެމްޕޭނުގެ ދަށުން ބ.ކަމަދޫގައި ކުނިކޮށްޓެއް ޤައިމްކުރުމަކީ ސާފުރާއްޖެ މެއިންޓެއިން ކުރުމަށް ލިބޭ އިތުރު ހިތްވަރެއް. ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް. މިއީ ސަރުކާރުގެ ޕޮލިސީގެ ދަށުން ހިންގޭ ވަރަށް މުހިންމު މަޝްރޫޢުއް" ޢާމިރު ވިދާޅުވިއެވެ.

ކަމަދޫގައި ކުނިމެނޭޖުކުރާ މަރުކަޒެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕަރމަނެންޓް ސެކްރެޓަރީ އަޖުވަދު މުޞްޠަފާއެވެ. އަދި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ރަޝީދުއެވެ.