އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ބައެއް ހެކިތައް ހުށައަޅައިފިއެވެ. މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އަބްދުﷲ ސައިދާއި ދެކޮޅަށް ސިއްރު ތިން ހެއްކަކާއި ސިއްރު ލިޔެކިޔުންތަކެއް ހުށައަޅާފައެވެ. އަދި ޖިނާއީ އިޖުރާތުގެ ޤާނޫނުގެ ދަށުން ހެކިބަސްދޭ މީހާއަށް ސިއްރުކޮށްދިނުމަށް އަމުރެއް ނެރެދިނުމަށްވެސް އެދިފައިވެއެވެ. އަދި އެ ހެކިން ސިއްރު ނުކޮށްފިނަމަ ހެކި ނައްތާލުމުގެ ބިރާއި ހެއްކަށް ޖިސްމާނީ އަނިޔާ ދީފައިނެކަމުގެ ބިރު އެބައޮތްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގައި ވާހަކަދައްކަވަމުން އަބްދުﷲ ސައީދުގެ ދިފާއީ ވަކީލުން ވިދާޅުވީ މި ދައުވާއަކީ ފުރިހަމަ ނުވާކަންތައްތަކެއް މައްޗަށް ބިނާކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ހިލާފަށް ހުށައަޅާފައިވާ ދައުވާއެއްކަމަށެވެ. އަދި މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެ މައްސަލަ ބާތިލުކުރުމަށްވެސް ދިފާއީ ވަކީލުން ހުށައަޅާފައިވެއެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ހޯމަދުވަހުއެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގައި ބުނެފައިވަނީ މިިދިޔަ މަހުގެ ހަތަރުވަނަ ދުވަހާއި ފަސްވަނަދުވަހު ސުޕްރީމްކޯޓުގެ ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އެ ތަނުގެ މުވައްޒަފުންނަށް އަބްދުﷲ ސައީދު އަންގާފައިވާކަމަށެވެ.
މި މައްސަލަ ސާބިތުވެއްޖެ ނަމަ އަބްދުﷲ ސައީދުގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.