ރޯމާ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރުސަތު ލިވަޕޫލުން ބޮޑުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި 5-2 ން ލިވަޕޫލުން ރޯމާ ބަލިކުރި، މި މެޗުގައިވެސް ތަރިއަކަށްވީ މުހައްމަދު ސަލާއެވެ. ކުރީގެ ކުލަބު ރޯމާ ކޮޅަށް ސަލާ ވަނީ ދެ ގޯލް ޖަހާފައެވެ. ދެ ގޯލް ޖެހުމަށްފަހުވެސް ސަލާ އުފާފާޅެއް ނުކުރެއެވެ. މި ގޯލްތަކާއިއެކު ލިވަޕޫލަށް މި ސީޒަންގައި ސަލާ ޖެހި ގޯލްގެ އަދަދުވަނީ 42 އަށް އަރާފައެވެ. ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯވެސް ރޭގެ މެޗުގައި ދެ ގޯލް ޖެހިއެވެ. އަނެއް ލަނޑު ޖަހައިދިނީ ސަދިއޯ މާނޭއެވެ. ރޯމާއިން ދެ ގޯލްވެސް ޖެހީ ފަހު ދިހަ މިނެޓުގައެވެ. މި ދެ ލަނޑު ޖަހައިދިނީ އެޑިން ޒެކޯ އަދި ޑިއެގޯ ޕެރޯޓީއެވެ.
ރޭގެ މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ލިވަޕޫލުން ތައްޔާރުވީ ގިނަ ގޯލްތަކެއް ޖަހަންކަމަށާއި، އެކަން ކާމިޔާބުވެއްޖެކަމަށެވެ. ދެން އޮތީ ދެވަނަ ލެގުކަމަށާއި، ރޯމާގެ ދަނޑުގައި ޑިފެންސްކުރަން ނުދާނެކަމަށް ކްލޮޕް ބުންޏެވެ. ޗެމްޕިއަންސް ލީގުގެ ސެމީން ރޯމާ ޖާގަ ހޯދީ އަމިއްލަ ދަނޑުގައި ބާސެލޯނާ 3-0 ން ބަލިކޮށްގެންނެވެ. ކްލޮޕް ބުނީ ލިވަޕޫލަކީ ބާސެލޯނާ ނޫންކަމަށާއި، ކިތަންމެ މޮޅު ޓީމަކަސް ބޭނުންހާ ގޮތެއް ލިވަޕޫލަށް ހަދާ ނުލެވޭނެކަމަށެވެ.
"މި ނަތީޖާއާއިއެކު ރޯމަށްދަނީ އިތުބާރާއިއެކު. އެ ދަނޑުގައި ބާސެލޯނާ ބަލިވިޔަސް އަހަރެން ސަޕޯޓަރުންނަށް ބުނަން އޮތީ ލިވަޕޫލަކީ ބާސެލޯނާއެއް ނޫނޭ. އަހަރުމެން ގަބޫލެއް ނުކުރަން ފައިނަލަށް ދެވުނީކަމަށް. އަދި އޮތީ ބުރަ މަސައްކަތް" ކްލޮޕް ބުންޏެވެ.
ރޭގެ މެޗަށްފަހު ރޯމާގެ ކޯޗު ޑިފްރެންސިސްކޯ ބުނީ ތިން ގޯލްގެ ފަރަގަކީ އޭނާ ހާސްވާ ނަތީޖާއެއް ނޫންކަމަށެވެ. ދެވަނަ ލެގާއި ކުރިމަތިލާއިރު، ފައިނަލުން ޖާގަ ހޯދޭނެކަމުގެ ޔަގީންކަން ނެތި ކުޅޭ އެއްވެސް ކުޅުންތެރިއެއް ދެވަނަ ލެގުގައި ނާރުވާނެކަމަށް ކޯޗު ބުންޏެވެ. އޭނާ ބުނީ ބާސެލޯނާ އަތުން 4-1 ން ބަލިވި މެޗަށްފަހުވެސް މީހުން ފާޑުކި ކަމަށާއި، ދެވަނަ ލެގާއި ކުރިމަތިލަނީ ކުއާޓާރ ފައިނަލުގައި ދެއްކި މޮޅު ކުޅުމުން ހިތްވަރު ލިބިގަނެގެންކަމަށެވެ.
"މިހާރުވެސް އަހަރެން ކުޅުންތެރިން ގާތުގައި މި ބުނަނީ ދެވަނަ ލެގުގައި މޮޅު ނުވާނެކަމަށް ހީވެ ބިރުގަންނަންޏާ ދާންވީ ގެއަށް. މެޗަށް އެދުވަހު އަންނާނެކަމެއް ނެތް. އަހަރެންގެ އެބައިން ދެވަނަ ލެގުގައި ނަތީޖާ އަނބުރާލެވޭނެކަމުގެ ޔަގީންކަން. ކުޅުންތެރިންގެ ފަރާތުންވެސް އެޔަގީންކަން އަހަރެން ބޭނުންވަނީ. " ރޯމާގެ ކޯޗު ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި ރޯމާ އަދި ލިވަޕޫލް ވާދަކުރާނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ ރެއެވެ.