ޚަބަރު

މިދިޔަ މަހު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދަޢުލަތަށް 277.7 މިލިއަން ރުފިޔާގެ އާމުދަނީއެއް


މިދިޔަމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު އިތުރުވެ އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 277.7 މިލިއަން ރުފިޔާގެ އާމުދަނީއެއް ލިބިއްޖެއެވެ. މީ މިދިޔަ އަހަރުގެ މާރިޗު މަހާއި އަޅާ ބަލާއިރު ފަސްދޮޅަސް އިންސަައްތަ އިތުރު އަދަދެކެވެ.

2017 ވަނަ އަހަރުގެ މާރިޗު މަހު 3.03 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މި އަހަރުގެ މާރިޗު މަހު މިޢަދަދުވަނީ 4.49 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިދިޔަ މަހުގެ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ މިދިޔަ މަހުގެ އެތެރެކުރި މުދަލުގެ 28 އިންސައްތައެވެ. ދެން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ އިންނެވެ. އެއީ 15 އިންސައްތައެވެ. އަދި އިންޑިޔާ އިން 11 އިންސައްތަ މުދާ ރާޢްޖެއަށް އެތެރެކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހު ރާއްޖެ އެތެރެކުރި މުދަލުގެ ޖުމްލަ އަގު 2017 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 48 އިންސައްތަ ވަނީ އިތުރުވެފައެވެ.
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ މިދިޔަ މަހު ވަނީ 2017 ވަނަ އަހަރުގެ މާރިޗު މަހާއި އަޅާބަލާއިރު %60 އިތުރުވެފައެވެ.

މިދިޔަ މާރިޗު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް ލިބިފައިވަނީ 277.7 މިލިއަން ރުފިޔާއެވެ. 2017 ވަނަ އަހަރުގެ މާރިޗު މަހު ލިބިފައިވަނީ 173.4 މިލިއަން ރުފިޔާއެވެ. 2017 ވަނަ އަހަރުގެ މާރިޗު މަހު 165.6 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިިދިޔަމަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 246.1 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. އެކްސްޕޯޓްކުރި މުދަލުގެ 35 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު 15 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އިނގިރޭސިވިލާތަށް 10 އިންސައްތަ އެކްސްޕޯޓްކޮށްފައިވާއިރު، އެމެރިކާއަށް 9 އިންސައްތަ އަދި ފަރަންސޭސިވިލާތަށް 7 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. މިދިޔަ މާރިޗު މަހު ދިވެހިރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރި މިންވަރު 2017 މާރިޗު މަހާ އަޅާބަލާއިރު 49 އިންސައްތަ ވަނީ އިތުރުވެފައިވެއެވެ.