ޚަބަރު

މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއާއި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި


މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއާއި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާ ދެމެދު އެއްބާރުލުންދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މަދީނާ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރެކްޓަރ ޑރ. ޚާތިމް ބިން ޙައްސާން އަލް-މަރްޒޫޤީއެވެ. އަދި ދިވެހިރާއްޖޭ ގެ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި އެއްބަސްވުމުގެ ދަށުން މި ދެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި ގިނަ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަޢުލީމީ ތަޖުރިބާތައް ޙިއްޞާކޮށް، ދެފަރާތް ގުޅިގެން ކޮންފަރެންސްތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ޑިގްރީ ޕްރޮގްރާމްތަކާއި އެކިދާއިރާތަކުން އެކި ލެވެލްތަކުގެ ސްކޮލަރޝިޕްގެ ފުރުޞަތުތައް ހުޅުވާލުމާއި، ދެ ޔުނިވަރސިޓީ ގުޅިގެން ރީސާރޗްތައް ހިންގުމާއި މިނޫންވެސް ތަޢުލީމާ ގުޅުންހުރި ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަވުމުގައި ސޮއިކުރެވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ ވާހަކައިގައި ވަނީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އަކީ ރާއްޖޭގެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކޮށްފައިވާ ތަނެއްކަން ފާހަގަކުރައްވާފައެވެ. އަދި މަދީނާ ޔުނިވަރސިޓީން ތަޢުލީމު ހާޞިލްކޮށްފައިވާ ދިވެހިން ރާއްޖޭގެ އެކި ފަންތީގެ މަޤާމްތައް ފުރަމުންދާކަންވެސް ޑރ.ޝަހީމް ވަނީ ފާހަގަކޮށްފައެވެ.

ޑރ. ޝަހީމް ވިދާޅުވީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ އަޚްވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ. އަދި މި އެއްބާސްވުމާކެ މަދީނާ ޔުނިވަރސިޓީގެ ސްކޮލަރޝިޕް ފުރުޞަތުތަކާއި އެ ޔުނިވަރސިޓީގައި އުނގެނުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ލިބިގެންދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ ގެ ރެކްޓަރ ޚާތިމް ބިން ޙައްސާން އަލް-މަރްޒޫޤީ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ތަޢުލީމާއި ސައިންސްގެ ދާއިރާގައި ދެ ޤައުމުގެ ގުޅުން އިތުރަސް ބަދަހިވެގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އަޚުވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ އިސް ފަރާތްތަކާއި މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ދަސްވެނިވެފައިވާ ދިވެހިން ބައިވެރިވެފައިވެއެވެ.