ޚަބަރު

ޕެންޝަން ސްކީމްގެ ބައިވެރިންނަށް ކޮމާޝަލް ބޭންކް މެދުވެރިކޮށް ގެދޮރުގަތުމުގެ ފުރުޞަތު


ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ މެންބަރުން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ޕެންޝަން އޮފީހާއި ކޮމާޝަލް ބެންކް އޮފް މޯލްޑިވްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އެ އޮފީހުގެ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު ހުސައިން މަނިކު އެވެ. އަދި ކޮމާޝަލް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ޑިލަން ރާޖަޕަކްސެ އެވެ.

ޕެންޝަން އޮފީހާއި ކޮމާޝަން ބޭންކާއި ދެމެދުވި ވި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންގެ ތެރެއިން ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގެދޮރު ގަންނަ ފަރާތްތަކަށް އެފަރާތްތަކުގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުގައިހުރި ފައިސާ ރަހުނުގެ ގޮތުގައި ބޭނުން ކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު ހުސައިން މަނިކު ވިދާޅުވީ މި ސްކީމްގެ ދަށުން ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ވަރަށްބޮޑު ލުޔެއް ލިބޭނެކަމަށެވެ. އަދި މިހާރުވެސް މި ސްކީމްގެ ދަށުން 74 ފަރާތަކުން ލޯނު ނަގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"
މި ސްކީމްއަކީ ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ ގިނަ ރައްޔިތުންތަކަކަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާކަމެއް. މިހާހިސާބަށް ދިޔައިރު އަޅުގަނޑުމެންގެ ޕެންޝަން ސްކީމުން ގާތްގަނޑަކަށް 74 ފަރާތެއް މި ޕެންޝަން ފަންޑުގެ ބެލެންސް ބޭނުންކޮށްގެން ލޯނު ނަންގަވާ ނުވަތަ ގެދޮރުވެރިކަން ކާމިޔާބުކުރައްވައިފި
މުޙައްމަދު ހުސައިން މަނިކު

"މި ސްކީމްއަކީ ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ ގިނަ ރައްޔިތުންތަކަކަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާކަމެއް. މިހާހިސާބަށް ދިޔައިރު އަޅުގަނޑުމެންގެ ޕެންޝަން ސްކީމުން ގާތްގަނޑަކަށް 74 ފަރާތެއް މި ޕެންޝަން ފަންޑުގެ ބެލެންސް ބޭނުންކޮށްގެން ލޯނު ނަންގަވާ ނުވަތަ ގެދޮރުވެރިކަން ކާމިޔާބުކުރައްވައިފި" މުޙައްމަދު ހުސައިން މަނިކު ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން ރަހުނުގެ ގޮތުގައި ބެހެއްޓޭނެ މިންވަރު ކަނޑައަޅަނީ އެމީހެއްގެ އުމުރަށް ބެލުމަށްފަހުއެވެ. އެގޮތުން އުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށް އެފަރާތްތަކުގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓްގައި ހުރި އަދަދުގެ 100 އިންސައްތަ ރަހުނުގެ ގޮތުގައި ބެހެއްޓޭނެއެވެ. އަދި 36 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންނަށް ބެހެއްޓޭނީ 80 އިންސައްތައެވެ. 50 އަހަރުން ފެށިގެން 60 އަހަރާދެމެދުގެ މީހުންނަށް ބެހެއްޓޭނީ 50 އިންސައްތައެވެ. މި ސްކީމްގެ ދަށުން ގަންނަން ހުށަހަޅާ ގެދޮރަކީ އާންމުކޮށް ހުޅުވާލައިގެން ބާޒާރުގައި ވިއްކާ އެޕާރޓްމަންޓާއި ފްލެޓާއި ރޯހައުސް ފަދަ އިމާރާތަކަށް ވާންޖެހޭނެއެވެ. އަދި ލޯނު ނެގުމަށް އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓްގެ ހުރި ފައިސާ ރަހުނު ކުރެވިދާނެކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

ކޮމާޝަލް ބޭންކުގެ އިތުރުން ޕެންޝަން އޮފީހުންވަނީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއިއެކުވެސް މިފަދަ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.