ޚަބަރު

ބީއެމްއެލްއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ



ދިވެހި ޤައުމީ ބޭންކަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސް އާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ޓެކުހާއި އެކު ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. މީ 2016 ވަނަ އަހަރު ލިބުނު ފައިދާ އާއި އަޅާބަލާއިރު 4 އިންސައްތައި ކުރިއެރުމެކެވެ. އަދި ޓެކްސް ފައިސާ ނުލާ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.02 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ފައިދާއިން 118.4 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ވަނީ ނިންމާފައެވެ. އެއީ ހިއްސާއަކަށް 22 ރުފިޔާއެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު ދިހައެއް އިންސައްތަ އިތުރު އަދަދެކެވެ. ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، 2017 ވަނަ އަހަރު އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް 7 އިންސައްތައިން 4.1 އިންސައްތައަށް ދަށްކޮށްފައެވެ. މިދިޔަ އަހަރު އަލަށް ދޫކުރި ލޯނުތަކުގެ އަދަދު 4.4 ބިލިއަން ރުފިޔާއަށް އަރާއިރު، މި ލޯނުތަކުން ޢާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް ބޭންކުން މައުލޫމާތުދެއެވެ.
މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ 'އަހަރެންގެ ބޭންކް' ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް މިހާތަނަށް ބޭންކުން ހިންގި އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ހިންގާފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭންކުން ވަނީ އަތޮޅުތަކުގައި 3 ބްރާންޗާއި 14 ސެލްފް ސާވިސް ބޭންކިން ސެންޓަރ ގާއިމްކޮށްފައެވެ. މީގެ އިތުރުން ކޭޝް އެޖެންޓް ނެޓްވޯކްގެ އަދަދުވަނީ 191 އިން 230 އަށް އިތުރުކޮށްފައެވެ.