ސިޔާސީ

ރިޔާސީ އިންތިޚާބުގެ މަޢުލޫމާތު ދިނުމަށް ޕާޓީތަކާއެކު ބާއްވަން ނިންމި ބައްދަލުވުން ފަސްކޮށްފި


ރިޔާސީ އިންތިޚާބާބެހޭ މައުލޫމާތު ސިޔާސީ ޕާޓީތަކަށް ދިނުމަށް ބާއްވާ ބައްދަލުވުން އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި، އިންތިޚާބާބެހޭ މުހިންމު މަޢުލޫމާތު ސިޔާސީ ޕާޓީތަކާ ޙިއްޞާ ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު މިއަދު ބާއްވަން ނިންމި ބައްދަލުވުން ފަސްކޮފައިވާކަން ޕާޓީތަކަށް އަންގާފައިވާކަމަށެވެ. އަދި އަންނަ ހަފްތާގެތެރޭގައި ކުރިން ރާވާފައިވާގޮތަށްވުރެ ފުރިހަމަކޮށް، މާ ގިނަ ވަގުތު ލިބިގެން މި ބައްދަލުވުން ކުރިއަށްގެންދާނެކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި މިބައްދަލުވުމުގައި މުހިންމު ބިނާކުރަނިވި މަޝްވަރާތަކެއް ޕާޓީތަކާއެކު ކުރެވޭނެކަމަށް އުންމީދުކުރައްވާކަމަށް އަކްރަމް ވިދާޅުވިއެވެ.

"
"ކުރިން ބާއްވަން އޮތް ބައްދަލުވުމަށްވުރެ މާ ފުރިހަމައަށް އިންތިޒާމު ކުރެވިގެން، މާގިނަ ވަގުތު ދެވިގެން އަންނަ ހަފްތާތެރޭގައި ސިޔާސީ ޕާޓީތަކާ އިލެކްޝަންސް ކޮމިޝަނުން ބައްދަލުކުރާނަން"
އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ދަޢުވަތު ހުރިހާ ސިޔާސި ޕާޓީތަކުންވެސް ޤަބޫލުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެގޮތުން ކޮންމެ ޕާޓީއަކުން 4 މަންދޫބުންނަށް މިބައްދަލުވުމުގައި ބައިވެރި ވެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވާން ފަށާފައިވާއިރު، އަންނަ ޖުލައި މަހުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ. އެގޮތުން އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު ނުވަތަ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު އިންތިޚާބު ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިޚާބާ ގުޅޭ މައުލޫމާތު ބޭރުގެ އެކި ޖަމްޢިއްޔާތަކާވެސް ޙިއްޞާކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓްލެވޭ މީހުންގެ ލިސްޓް އަންނަމަހު އިޢުލާނު ކުރާނެކަމަށް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން، އަންނަ މަހުގެ ތެރޭގައި އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް ކަނޑައަޅާނެކަމަށް ބެލެވެއެވެ.