މޯލްޑޯވާއިން ނޯވޭގެ ވެރިރަށް އޮސްލޯއަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ދަތުރުކުރެއްވި ބޯޓަށް ޑްރޯނެއްގެ ހަމަލާ އަމާޒުވުމާ ވަރަށް ގާތްވި ކަމުގައި، ނޯވޭގެ ބޮޑުވަޒީރު ޔޫނަސް ގާރް ސްޓޫރޭ ހާމަކުރައްވައިފިއެވެ. ނޯވޭގެ ރަސްގެފާނު ހެރޮލްޑް ފަސްވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް ޒެލެންސްކީ އޮސްލޯއަށް ވަޑައިގެންނެވީ ސެޕްޓެންބަރު 8 ވަނަ ދުވަހުގެ ހަވީރެވެ. މި ހާދިސާ ހިިނގާފައި ވަނީ މޯލްޑޯވާއިން ބޯޓު ނައްޓައިލި ވަގުތު ކަމަށާއި، މިއީ ޒެލެންސްކީ މިހާރު ދިރިއުޅުއްވަން ޖެހިވަޑައިގަންނަވާފައިވާ ޙަޤީޤަތް ކަމުގައި ސްޓޫރޭ ވިދާޅުވިއެވެ. ނަމަވެސް، އެ މަޢުލޫމާތު ލިބިވަޑައިގެންނެވި މަޞްދަރެއް ނުވަތަ ބޯޓާ ޑްރޯން ކައިރިވި މިންވަރެއް އޭނާ ހާމައެއް ނުކުރައްވައެވެ.
މި ހާދިސާ ހިނގީ މޮލްޑޯވާގެ އެއާޕޯޓުން ބޯޓު ނައްޓާލުމުގެ ކުރިން ކަމަށާއި، ބޯޓަށް ނުރައްކާވެފައި ވަނީ ރަޝިއާގެ ޑްރޯނެއްގެ ފުށުން ކަމުގައި މޯލްޑޯވާ ސަރުކާރުގެ ތަރުޖަމާނަކު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ޑްރޯން ހަމަލާއެއްގެ އިންޒާރަކާ ގުޅިގެން މޯލްޑޯވާގެ ވައިގެ ސަރަޙައްދު ބަންދުކުރުމުން ފުރުން ލަސްވި ނަމަވެސް، ބޯޓަށް ދަތުރުކުރުމުގެ ހުއްދަ ދިނީ އެ ޑްރޯން މޯލްޑޯވާގެ ސަރަޙައްދަށް ވެއްޓިފައިވާކަން ކަށަވަރުކުރެވުމުން ކަމުގައި ތަރުޖަމާނު ވިދާޅުވިއެވެ. 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހު ޔޫކްރެއިނާ ދެކޮޅަށް ރަޝިއާއިން ފެށި ހަނގުރާމައިގައި ދެ ޤައުމުގެ ދެމެދުގައި ފަހަކަށް އައިސް ވަނީ ހަމަލާ ބަދަލުކުރުން އިތުރުވެފައެވެ.
އޮސްލޯގައި ޒެލެންސްކީ ވަނީ ސްޓޫރޭއާ ބައްދަލުކުރައްވައި، 'ފްރޭޔާ' ގެ ނަންދީފައިވާ ވިލާތު ޤައުމުތަކުގެ އެންޓި-ބެލިސްޓިކް ނިޒާމު ކުރިއެރުވުމާ ގުޅޭގޮތުން ދިފާޢީ ޞިނާޢަތުގެ އިސްވެރިންނާ މަޝްވަރާ ކުރައްވާފައެވެ. ޒެލެންސްކީ ވިދާޅުވީ، ސަރުކާރުތަކާއި ދިފާޢީ ކުންފުނިތަކުގެ މެދުގައި ޒިންމާތައް ކަނޑައަޅައި މި ޕުރޮގުރާމުގެ ފުރަތަމަ ޢަމަލީ ނަތީޖާތައް ނެރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމުގައެވެ. އަދި، ބައްދަލުވުން ބޭއްވި ކަމަށްޓަކައި ނޯވޭއަށް ޝުކުރު އަދާކުރައްވައި، ވިލާތުގެ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ރައްކާތެރިކުރުމަކީ އެންމެންގެ ޙިއްޞާވާ ޒިންމާއެއް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޔޫކްރެއިންގެ ރައީސް މިހެން ވިދާޅުވީ، ސެޕްޓެންބަރު 9 ވަނަ ދުވަހު ރަޝިއާއިން ދިން ހަމަލާތަކުގައި މަދުވެގެން އަށް މީހުން މަރުވެފައިވާ ކަމުގައި ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވި ދަނޑިވަޅެއްގައެވެ. އެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައި ވަނީ ޔޫކްރެއިން އަދި މޯލްޑޯވާ ގުޅޭ ބޯޑަރު ސަރަޙައްދުގެ އިތުރުން، ޤައުމުގެ ދެކުނުއިރުމަތީގެ އެކި ސަރަޙައްދުތަކަށެވެ.