ތިމާވެށި

ޤަވާއިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން - އީޕީއޭ


ކުނި މެނޭޖްކުރުމާއިބެހޭ ޤަވާއިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެންވައިރޮންމަންޓް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭ އިންބުނެފިއެވެ.

އީޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުނި މެނޭޖްކުރުމާއިބެހޭ ޤަވާއިދާ ޚިލާފަށް ކުނިއުފުލާ ފާރަތްތައް ހުއްޓުވާ ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން 01 މެއި 2018 އިން ފެށިގެން ޤަވާޢިދާ ޚިލާފަށް ކުނިއުފުލާ މީހުންނާމެދު ފިޔަވަޅު އަޅާ، ޢިއުލާން ކޮށްފައިވާ މިންގަޑާ ޚިލާފަށް ކުނި ބަރުކޮށްގެން ގެންނަ ކުނި ބަލައި ނުގަންނާނެ ކަމަށެވެ.
ކުނި މެނޭޖްކުރުމާއިބެހޭ ޤަވާއިދުގައިވާ ގޮތުން އުޅަނދުތަކުގައި ކުނި އުފުލޭނީ ފެނުން ރައްކާތެރިވާނެހެން، ފެންނުވަންނަ ސަތަރިއެއް ނުވަތަ އެފަދަ އެހެން އެއްޗެއް ބޭނުންކޮށްގެން އެއްކޮށް ނިވާކޮށްގެނެވެ. މީގެއިތުރުން ކުނި އުފުލާއިރު، ހަރުނުކޮށްހުންނަ ޕެލެޓާއި ފިލާފަދަ ތަކެތި އަރިމަތީގައި ޖައްސައިގެން ކުނި އުޅަނދައް އަޅާ އުފުލުމަކީ މަނާކަމެކެވެ. އަދި ތެއް ކުންޏާއި ގާކުނޑިއާއި ވެލި އުފުލާ އުޅަނދުފަހަރު ފަރުމާ ކޮށްފައި ހުންނަންވާނީ ހިރަފުހާއި ފެން ނުވަތަ އެހެން ދިޔާ ތަކެތި މަގުމައްޗަށް ނުފައިބާގޮތަށް ނިވާކޮށްފަކަމަށް ޤަވާއިދުގައި ބަޔާންކުރެއެވެ. މި ޤަވާއިދު އެކުލަވާލާފައިވަނީ ކުނި މެނޭޖުކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ރަނގަޅު ގޮތުގައި ކުނި ނައްތާލުމަށް ޢާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ކަމަށް އީޕީއޭއިން ބުނެއެވެ.

މާލެއާއި ސިޓީތަކުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުންދަނީ ވެމްކޯގެ ބެލުމުގެދަށުންނެވެ. އަދި ކުނި މެނޭޖުކުރުމުގެ ޤަވާއިދު ތަންފީޒުކުރުމަށް ފުލުހުންނާއިއެކު އެންވައިރޮންމަންޓް މިނިސްޓްރީއާއި ވެމްކޯއިން ވަނީ އެއްބަސްވެފައެވެ.