ކުޅިވަރު

ޤައުމީ ޓީމް ވާދަކުރާ މުބާރާތެއް އޮގަސްޓްމަހު ރާއްޖޭގައި


ސާފްޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޤައުމީޓީމްތައް ހިމެނޭ މުބާރާތެއް ރާއްޖޭގައި ބާއްވަން އެފްއޭއެމްއިން ނިންމައިފިއެވެ.
އެފްއޭމްގެ އަހަރީ ކޮންގްރެސްއަށްފަހު ވާހަކަދައްކަވަމުން އެއިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓުގައި މުބާރާތަށްދާނެ ހުރިހާ ޚަރަދެއްވެސް ހިމަނާފައިވާނެކަމަށެވެ. ބައްސާމް ވިދާޅުވީ ބޭރުގެ ތިނެއް ނުވަތަ ހަތަރު ޤައުމު މިމުބާރާތުގައި ބައިވެރިވާނެކަމަށާއި، މިއީ ސާފްޗެމްޕިއަންޝިޕަޑް ދިއުމުގެ ކުރިން ދިވެހި ޓީމަށް ލިބޭނެ ރަނގަޅު ވާމްއަޕެއްކަމަށެވެ.
ބައްސާމް ވިދާޅުވީ މުބާރާތް ބޭއްވުމުގެ ބޭނުމަކީ ސަޕޯޓަރުންގެ ތެރޭގައި ރޫހު އާލާކުރުމާއި، މުބާރާތުގެ ކުރިން ދިވެހިފަސްގަނޑުގައި ދިވެހި ޓީމް ކުޅޭތަން ބަލާލަން ފުރުސަތަދިނުންކަމަށެވެ. މިމުބާރާތުގެ ސަބަބުން މިހާރު ވަޅުޖެހިފައިވާ ދިވެހި ފުޓްބޯޅައިގެ ފޯރިއަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. މިމުބާރާތް ބާއްވަން ތާވަލް ކޮށްފައިވަނީ އޮގަސްޓުމަހުއެވެ. ބައްސާމް ވިދާޅުވީ އޮގަސްޓް މަހަށް މުބާރާތް ތާވަލްކުރުމުގެ ބޭނުމަކީ ސާފްޗެމްޕިއަންޝިޕްގެ ކުރިން ރަނގަޅު ތަމްރީނެއް ޓީމަށް ދިނުމާއެކު، ރަނގަޅުޓީމެއް ބިނާކުރުމަށް މަގުފަހިކުރުންކަމަށެވެ.
" އަޅުގަނޑުމެންގެ އަމާޒަކީ މިމުބާރާތުގެ ސަބަބުން މިހާރު ފޯރިކެނޑިފައި އޮތް ދިވެހި ފުޓްބޯޅައަށް ހެޔޮބަދަލުތަކެއް އައުން. މިހާރު މިއޮތް ޤައުމީ ޓީމަށް ރަނގަޅު މެޗުތަކެއް ލިބިގެންދިޔުން. މުބާރާތުގެ ސަބަބުން ވަރުދަ ޓީމެއް އެކުލަވާލަން ފަސޭހަވެގެންދާނެ." ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ ޖުމްހޫރިޔަތަށް ފަންސާސް އަހަރު ފުރޭ އަހަރަށް ވުމާއެކު އެފްއޭއެމުން މުބާރާތުގެ ނަން ޖުމްހޫރީ ފަންސާސް ނަމަށް ބަދަލުކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.
މިމުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަވަމުން އެފްއޭމްގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރ އިހްސާން އަބްދުލް އަނީ (ސާންތީ ) ވިދާޅުވީ މުބާރާތް ޝެޑިއުލް ކުރެވިފަވަނީ އޮގަސްޓްމަހު ފަނަރަވަނަ ދުވުހު ފަށާގޮތައް ކަމަށެވެ. މިހާރު މުބާރާތުގެ ބައިވެރިވުމަށް އެދި ޤައުމުތަކަށް ދައުވަތު ފޮނުވާފައިވާކަމަށާއި، އެމުބާރާތުގެ ކުރިން ދިވެހި ލީގުގެ ފުރުތަމަބުރުގެ ކުޅުންނިމި ޤައުމީޓީމް ތައްޔާރުވުމަށް ވަގުތު ލިބިގެންދާނެކަމަށެވެ.
"މިހާރު ޓީމްތަކަށް ދައުވުތު ދީފަވީ، އޮގަސްޓް ފަނަރަވަނަ ދުވަހު މުބާރާތް ފަށަން ތައްޔާރުވަމުން މިދަނީ." ސާންތި ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފަހުން ބޭރުގެ ޤައުމުތަކަށް ދައުވަތު ދީގެން ބޭއްވި މުބާރާތަކީ މީގެ 18 އަހަރު ކުރިން ދެހާސްވަނަ އަހަރު ރާއްޖޭގައި ބޭއްވި ގޯލްޑަން ޖުބުލީ ފުޓްބޯޅަ މުބާރާތެވެ.