ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަޙްމަދު އަރީފް އެ މަޤާމުން ވަކި ކުރީ ސުޕްރީމް ކޯޓުން ނެރުނު ޙުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރުމުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ރައްދު ދެއްވައިފިއެވެ.
ޕީއެސްއެމް ނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމުގައި ވާހަކަދައްކަމުން ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވީ ކުރީގެ ސީޕީ އަރީފް އެ މަޤާމުން ވަކި ކުރީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ޙުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރުމުން ނޫން ކަމަށެވެ. އަދި އޭނާ ވަކި ކުރީ ފުލުހުންގެ ޤާނޫނާ ޚިލާފުވެގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަޒްލީން ވިދާޅުވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއިއެކު މުޅި ޤައުމު ސިހުމެއްގެ ތެެރޭގައި އޮއްވާ އެފަދަ ޙުތޫރާތްތެރި ދަނޑިވަޅެއްގައި ހޯމް މިނިސްޓަރަށް އަރީފު ޖަވާބުދާރީ ވެވަޑައިގެންފައިނުވާކަމަށެވެ. އަދި ރައީސުލްޖުމްޙޫރިއްޔާ ގުޅުއްވުމުންވެސް އަރީފުގެ ފޯނަށް ޖަވާބު ނުދެއްވިކަމަށާއި އެހެންކަމުން އެފަދަ ބޭފުޅެއް އަދާ ކުރުމަށް ޙަވާލުކޮށްފައިވާ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކުރެވުނުކަމާއި މެދު ސުވާލު އުފެދޭ ކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ މިނިވަން މުސްތަޤިއްލު ދަޢުލަތެއްގެ ވަކި މުޢައްސަސާއެއްގެ ވެރިއަކު ދިވެހިރާއްޖޭގެ ހެޑް އޮފް ސްޓޭޓާއި އެމީހަކު ރިޕޯޓު ކުރަންޖެހޭ ޤާނޫނީ ބަލަދުވެރިޔާ ހޯމް މިނިސްޓަރަށް އޭނާ ޖަވާބުދާރީނުވާ ހިސާބަށް ދިޔައިމަ އޭނައަކީ ކޮން ޒިންމާއެއް އަދާ ކުރާ ކާކުކަން ބަލަންޖެހޭ،" އަޒްލީން ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވީ އަރީފަށްފަހު ފުލުހުންގެ ވެރިއެއްގެ ގޮތުގައި އެވަގުތަށް ރައީސުލްޖުމްޙޫރިއްޔާ ހަމަޖެއްސެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢުދީއެވެ. ސަޢުދީ އެމަޤާމުން ވަކި ކުރެއްވީވެސް ސުޕްރީމް ކޯޓުގެ ޙުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރުމުން ކަމަށް އިދިކޮޅުން ބުނަމުންދާއިރު ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވީ ސަޢުދީ އެ މަޤާމުން ވަކި ކުރެއްވީ އޭރު އުފެދިފައިވާ ޙާލަތުގައި ސަޢުދީއަށް މަސައްކަތް ކުރުމަށް ދަތި ކަމަށް ސަޢުދީ ވިދާޅުވުމުން ކަމަށެވެ. ނަމަވެސް މަޤާމުން ވަކި ކުރެއްވުމާއި ހަމައަށް ސަޢުދީގެ އެއްބާރުލެއްވުން ސަރުކާރަށް ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަޒްލީން ވިދާޅުވީ ފުލުހުންގެ މުޢައްސަސާއަކީ ގާނޫނު ތަންފީޒުކުރަން އޮންނަ މުޢައްސަސާއެއް ކަމަށާއި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ފުލުހުންގެ މުޢައްސަސާއިން ނުކުރާނެ ކަމަށެވެ.