މި މަހުގެ 14 އާއި 15 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާތަކުގައި ފުލުހުންނަށް ދިން ހަމަލާ، ދިވެހި ސަރުކާރުން ކުށްވެރި ކުރައްވައިފިއެވެ. އިދިކޮޅު ފަރާތްތަކުގެ މި ޢަމަލު ސަރުކާރުން ކުށްވެރި ކުރައްވާފައިވަނީ މިކަމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސް ބަޔާނެއްގައެވެ.
މި ބަޔާނުގައި ސަރުކާރުން ވަނީ މިފަދަ ކަންކަމަކީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާ ޚިލާފު، އަދި ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ޢަމަލުތަކެއްކަމުން، ޤާނޫނާ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ބެހެއްޓުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
މި ބަޔާނުގައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި ދުއްވާ އުޅަނދުފަހަރަށް ދަތުރުނުކުރެވޭނޭ ފަދައިން ބޭއްވި އެއްވުމުގައި ފުލުހެއްގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެރޭ މުޒާހަރާއަށް އެއްވި ޞަރަޙައްދުން 105 މިރުސް ފެން ޕެކެޓު ފެނިފައިވާއިރު، ޖެހިގެން އައިރޭ މުޒާހަރާ ކުރި ޞަރަޙައްދުން 76 އަސޭމިރުސް ފެން ޕެކެޓާއި، 24 ދަގަނޑުބުރި ފެނިފައިވާކަންވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން މާލޭގެ އެކި ޞަރަޙައްދުތަކުގައި ހުޅުޖަހަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާއިރު، މިރޭ އިސްލާމީ މަރުކަޒު ކައިރީގައި ޕާކުކޮށްފައިއޮތް ކާރެއްގައި އަލިފާން ރޯކޮށްލާފައިވާކަންވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.