ޚަބަރު

މުޙިއްޔުއްދީން ސްކޫލުން ފަރުކޮއި ޕްރޮޖެކްޓް ނިންމާލައިފި


ފަރުކޮއި ޕްރޮޖެކްޓްގައި ހިމެނޭ ދަރިވަރުންނަށް މޫދު އަޑީގެ ފަރުތަކާއި މަސްތަކާއި މުރަކަތައް ހަމަލޮލުން ބަލާލުމުގެ ފުރުޞަތު ހޯދައިދިނުމުގެބައި މުޙިއްޔުއްދީން ސްކޫލުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއް ޝާމިލްވާގޮތަށް ފެށި ފަރުކޮއެ ޕްރޮޖެކްޓްގެ އެންމެ މުހިއްމު ބައިކަމުގައިވާ ހުރިހާ ދަރިވަރުންނަކީ މިއަހަރު ނިމޭ އިރު ފަރު ބަލާފައިވާ ދަރިވަރަކަށް ހެދުމަށް ކުރިއަށްގެންދާ ހަރަކާތް މުޙްޔިއްދީން ސްކޫލުން ނިންމީ އެސްކޫލުގެ ހަތްސަތޭކަ ދަރިވަރުން އެކި ދުވަސްމަތިން ބައިވެރިކޮށްގެންނެވެ. އަދި މިއާއެކު އެސްކޫލަކީ ވޮއިސް ފޮރ ދަ އޯޝަން ސްކޫލެއްގެ ގޮތުގައިވަނީ ހިމަނާފައެވެ. ވިލިނގިލީގެ ދެ ޑައިވް ސެންޓަރު ކަމަށްވާ ޑައިވަރޒް ލޮޖް އަދި މޫދުބުޅާ ޑައިވް ސެންޓަރ އަދި ސޭވް ދަ ބީޗް ޖަމްޢިއްޔާގެ އެހީތެރިކަމާއެކު މިމަސައްކަތްކޮށް ނިންމާލީ ކޮންމެ ދުވަހަކުވެސް ކުލާހެއް ސްނޯކްލިންގ އަށް ގެންގޮސްގެންކަމަށް މުޙްޔިއްދީން ސްކޫލުން ބުނެއެވެ. އަދި މިމަސައްކަތް އެފަރާތްތަކުން ކޮށްފައިވަނީ މުޅިން ހިލޭ ސަބަހަށެވެ.

ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން މުޙިއްޔުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ނާޒިމާ އަލި މަނިކް ވިދާޅުވީ މި މަސައްކަތަކީ ތިމާށީގެ ކަންކަމަށް ދަރިވަރުން އަހުލުވެރިކުރުމާއި، ޙާއްޞަގޮތެއްގައި ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރާ އެމްބެސެޑަރުން އުފެއްދުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ.

މުޙްޔިއްދީން ސްކޫލްގެ ފަރުކޮއި ޕްރޮޖެކްޓް ނިންމާލުމަށް ބޭއްވި ޙަފްލާއަށްފަހު ޕިއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އާއިޝަތު ޝިހާމް ވިދާޅުވީ މި ޕްރޮޖެކްޓްގެ މަޤްސަދަކީ ތަޢުލީމީ ނިޒާމްގައި ހިމެނޭ ބައިތައް ދަރިވަރުންނަށް އަމަލީ ތަޖްރިބާއެކު ދަސްކުރުމާއެކު، ރާއްޖޭގެ ތިމާވެއްޓާއި ކަނޑު ފަރުތައް ހިމާޔަތްކުރުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުންކަމަށެވެ.

ފަރު ކޮއެ ޕްރޮޖެކްޓްގެ ދަށުން މިމަސް ނިމޭއިރު ހުރިހާ ސްކޫލެއްގައި ޕްލާސްޓިކް ކޮތަޅާއި ފެންފުޅީގެ ބަދަލުގައި އެހެނިހެން ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މިޕްރޮޖެކްޓްގެ ދަށުން ޖަމާޢަތަށް ފައިދާ ހުރި ތިމާވެއްޓާ ގުޅުންހުރި އެކި ހަރަކާތްތައް ސްކޫލްތަކުން އިސްނަގައިގެން ކުރިއަށްގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

"ފަރު ކޮއެ" މަޝްރޫޢަކީ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފަރުތަކާއި ފަރުތަކުގެ ވަށައިގެންވާ ދިރުންތަކުގެ ރީތިކަކާއި، އެތަންތަނުގެ މުހިންމުކަށް ދަރިވަރުންނަށް އަންގައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޢަމާޒަކީ ކޮންމެ ދަރިވަރަކަށްވެސް މަދުވެގެން އަހަރަކު އެއްފަހަރު ފަރުތައް ބަލާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ ކުއްޖަކީވެސް ރީފް އެމްބެސެޑަރަކަށް ހަދާ، ފަރުތަކާއި މުރަކަތައް އަދި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ދަރިވަރުންނަށް ބާރުއަޅާ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވެއެވެ.