ތަރައްްޤީ

ވިންޓަރ ތީމް ޕާކް ރޯދައިގެ ކުރިން ހުޅުވުމަކީ އަމާޒެއް - މުޢިއްޒު


ރަސްރަނި ބަގީޗާގައި ސަރުކާރުން ތަރައްޤީކުރާ "ވިންޓަރ ތީމް ޕާކް"ގެ މަސައްކަތް އަންނަ ރޯދަމަހުގެ ކުރިން ނިންމާ، އެތަން އާއްމުންނަށް ހުޅުވާލުމަކީ އަމާޒެއްކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވީ، ވިންޓަރ ތީމް ޕާކުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޙަށްވުރެ، މަސައްކަތް ލަސްވަމުންދާ މައިގަނޑު ސަބަބަކީ މިއީ ރާއްޖެއަށް ހުރިހާ ގޮތަކުންވެސް ތަފާތު ކޮންސެޕްޓަކަށްވެފަ ޓެކްނިކަލްގޮތުން ބަލާ ފުރިހަމަކުރަންޖެހޭ ކަންކަން ހުރުމުންކަމަށެވެ. އެގޮތުން ވިންޓަރ ތީމް ޕާކަށް ބޭނުންވާ ޢިމާރާތް ތައްޔާރުކޮށްފައިވަނީ ފްރާންސްއާއި ސުވިޓްޒަލޭންޑްގެ 2 ކުންފުންޏަކުން ރާއްޖެއައިސް ވަރަށް ގިނަ މަޢުލޫމާތުތަކެއް އެއްކުރުމަށްފަހުކަމަށާއި އެބޭފުޅުން އެތަނަށް ބޭނުންވާ ސާމާނުތައް އުފައްދާފައިވަނީ ގިނަ ގޮތްގޮތުން ޓެސްޓް ކުރުމަށްފަހުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެ އިމާރާތަކީ ޕްރި-ފެބްރިކޭޓެޓް އިމާރާތެއްކަމަށާއި ފައުންޑޭޝަންގެ މަސައްކަތް ނިމި، ޢިމާރާތް ރޭވުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށޭނެކަމަށް. މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ޢިމާރާތް ރޭވުމަށް ގާތްގަނޑަކަށް 45 ދުވަސް ހޭދަވާނެކަމަށް ބެލެވޭކަމަށާއި އެހެންކަމުން ރޯދަމަހުގެ ކުރިން ޕާކު ހުޅުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

"ފައުންޑޭޝަނާއި، ގްރައުންޑް ބީމާއި ހުރިހާ އެއްޗެއް ދުއްވައި، ކޮންކްރީޓް ހުރިހާ މަސައްކަތެއް މިހާރު އެހުރީ ނިމިފައި. މިހަފްތާ ތެރޭގައި އެ ކޮންކްރީޓް ބޭސްގެ މައްޗަށް މި ދެންނެވި އިމާރާތް ރާވަން ފަށާނެ. ގާތްގަނޑަކަށް 45 ދުވަސް ތެރޭގައި މުޅި އިމާރާތް އެއްކޮށް ރާވާ ނިންމާލެވޭނެ. އެހާތަނަށް ސްނޯ މެޝިނާއި ހުރިހާ އެއްޗެއް އިންސްޓޯލްކުރެވިގެންދާނެ އެތަނުގައި. އެހެންވީމަ މިބަލަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓާގެޓަކީ 45 ދުވަހަކާއެކީގައި ބަލާކަމަށްވާނަމަ މެއިމަހުގެ މެދު ތެރޭގައި، ރޯދަމަހުގެ ކުރިން މިތަން ހުޅުވުން" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މިއީ ދަޢުލަތުގެ ބަޖެޓުން ޙަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް ނޫންކަމަށާއި މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކުގެ ސީ.އެސް.އާރގެ ތެރެއިން ޙަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ރަސްރަނި ބަގީޗާގައި ސަރުކާރުން ތަރައްޤީކުރާ ވިންޓަރ ތީމް ޕާކަކީ އާޓިފިޝަލް ސްނޯ އުފައްދާ މެޝިންތަކާއެކު، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ފިނި މޫސުމުގެ ތަޖުރިބާ ދިވެހިންނަށްވެސް ކޮށްލުމުގެ ފުރުޞަތު ލިބޭނޭހެން ތައްރާރުކުރާ ޕާކެކެވެ. އަދި މިތަނަކީ ފިނިހޫނުމިން ވަކިވަރެއްގައި ކޮންޓްރޯލް ކުރެވޭނޭހެން ތައްޔާރުކުރާ ޕާކެއްކަމަށާއި، މި ޕާކުގައި އައިސް-ސްކޭޓްކުރުމަށްޓަކައިވެސް ޙާއްޞަ ސަރަޙައްދެއް ކަނޑައެޅިފައިވޭ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ތަރައްޤީކުރާ ފުރަތަމަ ޕާކެވެ.