ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ދަސްވާރު ޕްރޮގްރާމްގެ ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން ހަތްދިހަ ފަހެއް އިންސައްތަ ދަރިވަރުން މިހާރު ވަޒީފާ ލިބިފައިވާކަމަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީން ބުނެފިއެވެ.
2014 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ދަސްވާރު ޕްރޮގްރާމަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ގްރޭޑް ދިހައެއްގެ ދަރިވަރުންނަށާއި، ޒުވާނުންނަށް ޢަމާޒުކޮށްގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިއަށްގެންދާ ދަސްވާރު ޕްރޮގްރާމް ކުރިއަށްދަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި ދަރިވަރު ޚިޔާރުކޮށްފައިވާ ކޯހަކާއި ގުޅޭގޮތުން ތަމްރީން ދެއެވެ. އަދި ދެވަނަ މަރުޙަލާގައި ދަރިވަރުން އެކި މުއައްސަސާތަކުގައި އިންޓަރންޝިޕް ނުވަތަ ދަސްވަރުކަން ފުރިހަމަކުރެއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގަމުން އަންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ(ޓިވެޓް)ގެ ޑިރެކްޓަރ އައިމިނަތު އާސްރާ ވިދާޅުވީ ދަސްވާރު ޕްރޮގްރާމްގެ ތެރެއިން ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް ތިބި ކުދިންގެ އަދަދު ވަރަށްމަދުކަމަށާއި، މީގެ ތެރެއިން ގިނަ ކުދން ދަނީ މަތީ ތައުލީމް ޙާސިލްކުރަމުން ނުވަތަ ވަޒީފާ އަދާކުރަމުންކަމަށެވެ.
އާސްރާ ވިދާޅުވީ ދަސްވާރުގެ ތެރެއަށް އާ ޕްރޮގްރާމްތަކެއް މިހާރުވެސް ތާރަފްކުރެވި އިތުރު ކޯސްތަކެއް ތަޢާރަފްކުރުމުގެ މަސައްކަތްކުރަމުން ދާކަމަށެވެ. އެގޮތުން ގިނަ ކޯސްތަކަކީ ސްކޫލް ދަރިވަރުންނަށްވެސް ބައިވެރިވެވޭނެ ފަދަ ކޯސްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
ދަސްވާރު ޕްރޮގްރާމަކީ ގްރޭޑް 10ގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް ޢަމާޒުކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ޓިވެޓް އޮތޯރިޓީއާ ގުޅިވަޑައިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމް ނިމިގެންދާއިރު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ދަރިވަރުންނަށް ލިބިގެންދެއެވެ.