ޚަބަރު

ބޭރުގައި ތިބި ކުށްވެރިން ގެނައުމުގެ މަސައްކަތް ކުރިޔަށް އެބަދޭ


ރާއްޖެެއިން ބޭރުގައި ތިބި ބޮޑެތި ކުށްވެރިން ރާއްޖެ ގެނެވޭނީ އެ ޤައުމުތަކުން އެ މީހުން ދޫކުރުމުން ކަމަށާއި އެމީހުން ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ އެއް ޤައުމުން އަނެއް ޤައުމަށް ކުށްވެރިން ބަދަލު ކުރުމުގެ ޤާނޫނެއް ރާއްޖޭގައިވެސް އޮންނަ ކަމަށެވެ. އަދި އެފަދަ ޤާނޫނުތަކާއި އެފަދަ އުޞޫލުތައް ރާއްޖެއެކޭ އެއްގޮތަށް އެހެން ޤައުމުތަކުންވެސް ޤަބޫލުކުރާ ކުރާކަމަށެވެ.

ނިހާން ވިދާޅުވީ މި ޤައުމުގައި ހިނގާދިޔަ އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށް މިއަދު އިދިކޮޅުގައި ތިބި ފަރާތްތަކުން ދައްކަމުންދާ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންވެސް ބޭރު ޤައުމުތަކުގެ ހިމާޔަތް ހޯދާފައިވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތު ކުރެވޭ ފަދަ ބޭފުޅުންވެސް އަވަށްޓެރި ޤައުމުތަކުގެ ހިމާޔަތް ހޯދައިގެން ފިލައިގެން އުޅޭ ކަމަށް ނިހާންގެ ވާހަކައިގަ ފާހަގަކުރެއްވިއެވެ.

"މިކަހަލަ ކަންތައްތަކަކީ ޤައުމުތަކުގެ ޖުޑިސްޓްރިކްޝަންގެ ތެރޭގައި ވަކިން ޚާއްޞަ ގޮތްތަކެއް ހުންނަ ކަންތައްތަކެއް. އެޤައުމުން ދޫކޮށްލިއްޔާ ނޫނީ ގަދަ ކަމުން ދިވެހި ފުލުހުންނާއި ސިފައިން ހަތިޔާރާއި ބަރު ހަތިޔާރު ހިިފައިގެން އެސްއޯ ފުލުހުން ގޮސް، ގެއެއްގެ ތެރެއަށް ވަދެ ގެނެވޭނެ ކަހަލަ ކަމެއް ނޫން މިހުންނަނީ،" ނިހާން ވިދާޅުވިއެވެ.

ނަމަވެސް ބޭރު ޤައުމުގެ ހިމާޔަތް ހޯދައިގެން އުޅޭ ބޮޑެތި ކުށްވެރިން މިކަންވެސް ރައްޔިތުންނަށް އޮޅުވާލަމުން އަންނަ ކަމަށް ނިހާން ވިދާޅުވިއެވެ. އެގޮތުން އެ ޤައުމުތަކުގައި އެބޭފުޅުން ދިރިއުޅެނީ ބޭނުން ގޮތަކަށް ކަމަށާއި އެފަދަ ފަރާތްތަކުގެ ބާރު އެ ޤައުމުތަކުގައި ހިނގާކަން ރައްޔިތުންނަށް ދައްކަމުން އަންނަ ކަމަށް ނިހާން ވިދާޅުވިއެވެ.

"ހަނދުމަފުޅު ކުރައްވާށޭ، މިޤައުމުގެ ޤާނޫނު އަރާ ހަމަކުރާނެ އެބޭފުޅުންނާ. އަބަދު އެސައިލަމްގައި ތިބެވޭނެތޯ އެމީހުންނަށް، ނާށިގަނޑު އަތަށްލައިގެން،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ބޭރު ޤައުމުތަކާއި ރާއްޖެއިން ކިތަންމެ ބަދަހި ގުޅުންތަކެއް އޮތްނަމަވެސް މި ސަރުކާރުން އެހެން ޤައުމުތަކުގެ ޤާނޫނުތަކަށް ބޯލަނބާ ކިޔަމަންވާނެ ކަމަށެވެ.