ބޭރުދުނިޔޭގައި ރާއްޖެ ތަޞައްވުރު ރީތިކުރުމަށާއި، މަންޒިލެއްގެގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ކުރަމުންދާ މަސައްކަތުގައި އިސްރާފްކުރަމުންދާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އެ ކޯޕަރޭޝަނުން ވަރުގަދަ ރައްދެއް ދީފިއެވެ.
އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިންގ ޑިރެކްޓަރ ޙާރިސް މުޙައްމަދު ވިދާޅުވީ މި ސަރުކާރުގެ ފާއިތުވެ ދިޔަ 2 އަހަރުދުވަހުގެތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އިސްރާފް ކުޑަކޮށްފައިވާ މިންވަރާ ގާތަށްވެސް އެހެންސަރުކާރަކަށް އިސްރާފް ކުޑަކުރެވިފައި ނެތްކަން ތާރީޚުން ފެންނަން އެބައޮތްކަމަށެވެ.
ޕީއެސްއެމް ނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުން ޙާރިސް ވިދާޅުވީ ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ އާދަކާދައާއި ސަޤާފަތް އަދި މުޅިދުނިޔެއަށްވެސް މަޝްހޫރު ބްރޭންޑެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ އެމްއެމްޕީއާރުސީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއްކަމަށާއި އެ މުއައްސަސާގެ މައިގަނޑު މަސްއޫލިއްޔަތަކީވެސް އެއީކަމަށެވެ.
ރާއްޖެ ފަދަ އިޤްތިސާދު ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވެފައިވާ، ޤައުމެއްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައި ބޭރުދުނިޔެއަށް ރާއްޖެ ޕްރޮމޯޓްކުރުމަށް އެ ކޯޕަރޭޝަނުން މިހާރު ކުރަމުންދާ މަސައްކަތަކީ އާދައިގެކަމެއް ނޫންކަމަށާއި މިކަމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށްވެސް ހާރިސް ވިދާޅުވިއެވެ. މި ސަރުކާރުގެ ފާއިތުވެ ދިޔަ 2 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އިސްރާފް ކުޑަކޮށްފައިވާ މިންވަރަށް ތާރީހުގައިވެސް އިސްރާފް ކުޑަކުރެވިފައި ނޯންނާނެކަމަށް ހާރިސް ވިދާޅުވިއެވެ.
"މި ސަރުކާރުގެ ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި ޓޫރިޒަމްގެ ދާއިރާއިން އިސްރާފްކުޑަކުރެވުނު ވަރަކަށް ރާއްޖޭގެ ތާރީޚުގައިވެސް އިސްރާފް ކުޑަކުރެވިފައެއް ނޯންނާނެ. އެކަން ކަނޑައެޅުގެން ހަމަ ވަރަށް ކެރިހުރެ އަޅުގަނޑަށް ދަންނަވަން ކެރޭ." ހާރިސް ވިދާޅުވިއެވެ.
ހާރިސް ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ރާއްޖެ އޮވެ އިދިކޮޅު ފަރާތްކަކުން ބުނާހާގޮތަކަށް ރާއްޖެ ޕްރޮމޯޓްނުކޮށް ދޫކޮށްލައިފިނަމަ ރާއްޖޭގެ ފަތުރުވެރިކަމުގެ ޙާލާތު ދަށައްގޮސް އިދިކޮޅު ފަރާތްތަކުގެ މަޤްސަދު ހާސިލްވާނެކަމަށާ، އެމްއެމްޕީއާރުސީގެ މަސައްކަތާމެދު އިދިކޮޅު ފަރާތްތަކުން މިއަދު ފާޑުކިޔާ ސަބަބަކީ އެއީކަމަށެވެ. އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ދިވެހި ރައްޔިތުންނަށް ހެވެސް އެދިގެން ދައްކަމުންދާ ވާހަކަތަކެއްނަމަ އެމްއެމްޕީއާރުސީން ރާއްޖެ ޕްރޮމޯޓް ކުރަން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެންޖެހޭކަމަށްވެސް ހާރިސް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރުސީން ކުރިން ކުރަމުންދިޔަ މަސައްކަތްތަކަށް ބަދަލުތަކެއް ގެންނަމުން އަންނަކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން އެންމެ ބޮޑަށް ރާއްޖޭގެ ވާހަކަތައް މީހުން އަޑުއަހަނީ ކޮން މީޑިއަމަކުންތޯބަލައި މޮނިޓަރކޮށް ރިސާޗްކޮށް ގިނަ އައު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.