އެންމެފަހުގެ ޗެންޕިއަން ކިންގްސް ބާސްކެޓްބޯޅަ ކްލަބް ބަލިކޮށް، އެމްބީއޭ ޗެންޕިއަންޝިޕުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ޓީރެކްސް ބާސްކެޓްބޯޅަ ކްލަބު ހޯދާއިފިއެވެ.
ޓީރެކްސް މުބާރާތުގެ ޗެންޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލު މެޗު 98 ޕޮއިންޓް، 85 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ޓީރެކްސްއިން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރާ ވަރުގަދަ ކިންގްސް ބީސީ ބަލިކޮށްގެންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ކުއާޓާރގައި ކިންގްސްއިން ލީޑު ނަގައިގެން ކުޅެމެން ދަނިކޮށް، ޓީރެކްސްއިން ފަހަތުން އަރާ ލީޑު ހޯދިއެވެ. އެހެންނަމަވެސް ފުރަތަމަ ކުއާޓަރ ނިމިގެން ދިޔައީ 27 ޕޮއިންޓް، 27 ޕޮއިންޓުން ދެ ޓީމު އެއްވަރުވެގެންނެވެ. ނަމަވެސް ދެވަނަ ކުއާޓަރ ޓީރެކްސްއިން ނިންމާލީ 14 ޕޮއިންޓުގެ ލީޑެއް ނަގައިގެންނެވެ. އެއީ 56 ޕޮއިންޓު، 42 ޕޮއިންޓުންނެވެ.
އޭގެ ފަހުން ކުޅުނު 3 ވަނަ ކުއާޓަރ އާއި ހަތަރު ވަނަ ކުއާޓަރވެސް ތަފާތު ބޮޑު ނަތީޖާއަކުން ޓީރެކްސް ވަނީ ކާމިޔާބުކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް 22 ޕޮއިންޓް ހޯދާއިދިން ރިޝްފާން ރަޝީދުއެވެ. ފައިނަލް މެޗަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ޓީރެކްސް ގެ ކޯޗް އިލްޔާސް އިބްރާހިމް ބުނީ، ރޭގެ މެޗުން ފެނިގެން ދިޔައީ ޓީމް އެއްކޮށް، އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފޮނި ނަތީޖާކަމަށެވެ. އަދި ރޭގެ މެޗުގައި އޭނާގެ ޓީމަށް ކުދިކުދި ބައެއް މިސްޓޭކްތައް ހެދުނުކަންވެސް އޭނާ ފާހަގަކުރިއެވެ.
img:http://s1.psmnews.mv/images/660x400/15197917496372.JPG|މުބާރާތުގެ މޮޅު ކުޅުންތެރިޔާ ރަޝްވާން: ފޮޓޯ-ޕީއެސްއެމް
" ރޭގެ މެޗުން ފެނިގެން މި ދިޔައީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުން އެކަމުގެ ފޮނި ނަތީޖާ. ކުދިކުދި ބައެއް މިސްޓޭކްތައް ހެދިގެން ދިޔަ މެޗުގެ ތެރޭގައި، އެހެންނަމަވެސް ޖުމްލަކޮށް ބަލާނަމަ ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހޭ. ދެން މިދިޔަ ސީޒަންގައިވެސް އަޅުގަނޑުމެން ވަނީ 3 ތަށި ހޯދާފައި. އެހެންވީމަ މި އަހަރުވެސް 3 ތަށި ހޯދުމަކީ ވަރަށްބޮޑު އަމާޒެއް" އިލްޔާސް ބުންޏެވެ.
ރޭގެ މެޗަށްފަހު މިދިޔަ އަހަރުގެ ޗެމްޕިއަން ކިންގްސް ބީސީގެ ކޯޗު ސެމްސޮން ބުނީ، އެންމެ ފުރަތަމަވެސް ޓީރެކްސް ބާސްކެޓްބޯޅަ ކްލަބް ހޯދި ކާމިޔާބީއަށް މަރުޙަބާކިޔާކަމަށެވެ. އަދި ރޭގެ މެޗުން އޭނާގެ ޓީމު ބަލިވީ ހެދުނު ބައެއް ކުދިކުދި މިސްޓޭކްތަކުގެ ސަބަބުން ކަމަށާއި، އަދި މޮޅުވުމުގެ ނަސީބުވެސް ރޭ އެޓީމަށް ނުލިބުނީކަމަށެވެ.
"އެންމެ ފުރަތަމަވެސް ޓީރެކްސް ބާސްކެޓްބޯޅަ ކްލަބު އެހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔަން. އަސްލު ހަޤީގަތުގައި އަޅުގަނޑުގެ ޓީމަށް ހެދުނު ކުދިކުދި މިސްޓޭކް ތަކުގެ ސަބަބުން މެޗު ގެއްލިގެން ދިޔައީ. ޖުމްލަކޮށް ބަލާނަމަ ހުރިހާ ކުޅުންތެރިންވެސް ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖޭހޭ." ސެމްސޮން ބުންޏެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ކިންގްސް ބާސްކެޓްބޯޅަ ކްލަބުގެ ރިޝްފާން ރަޝީދު، ސްޓިންޖާރސް ބީސީގެ މުހައްމަދު ސަބީހް ތައުފީޤު، ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުގެ ހުސައިން ހަލީމް، އަހުމަދު ޒަބީރު އަދި އަހުމަދު ހުޝާމްއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުގެ އިބްރާހިމް ރަޝްވާންއެވެ.