ވިޔަފާރި

މިދިޔަ މަހު އިންޕޯޓް އެކްސްޕޯޓް އިތުރުވެ އާމްދަނީ މައްޗަށް


މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު ހުސްވި ޖެނުއަރީމަހު އިންޕޯޓް އެކްސްޕޯޓްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ. މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިިދިޔަ ޖެނުއަރީމަހުގެ އިންޕޯޓްކުރި މުދަލުގެ މިންވަރު 17 އިންސައްތަ އިތުރުވެފައިވާއިރު އެކްސްޕޯޓްކުރި މުދަލުގެ މިންވަރު 6 އިންސައްތަ ވަނީ އިތުރުވެފައެވެ. 

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދިވެހިރާއްޖެއަށް  އެތެރެކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާގެ މުދާއެވެ. މި އަހަރުގެ ޖެނުއަރީމަހު މިއަދަދުވަނީ 3.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ކަސްޓަމްސް ތަފާސް ހިސާބުތައްދައްކާ ގޮތުން މިދިޔަ މަހުގެ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީންނެވެ. އެއީ ރާޢްޖެ އެތެރެކުރި މުދަލުގެ %20 އިންސައްތައެވެ. ދެވަނަ އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. އަދި ރާއްޖެ އެތެރެކުރި މުދަލުގެ %12 އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ.

މިދިޔަ ޖެނުއަރީމަހުގެ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ޖުމްލަ އަގަށް ޖެހުނު އަދަދުވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 17 އިންސައްތަ ވަނީ އިތުރުވެފައެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު މިދިޔަ ޖެނުއަރީ މަހު %23 އިތުރުވެފައެވެ. މިއަހަރުގެ ޖެނުއަރީ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 276 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ 224 މިލިއަން ރުފިޔާއެވެ.

މިދިޔަ ޖެނުއަރީ މަހު ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރު ވަނީ 2017 ޑިސެމްބަރު މަހާ އަޅާބަލާއިރު 6 އިންސައްތަ އިތުރުވެފައިވެއެވެ. 2017 ވަނަ އަހަރުގެ ޑިސެމްބަރމަހު 445 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު 2018 ވަނައަހަރުގެ ޖެނުއަރީމަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 474 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ޖެނުއަރީ މަހު އެކްސްޕޯޓްކުރި މުދަލުގެ %41 ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 10 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ އެމެރިކާ އަށެވެ. އަދި ޖަރުމަން ވިލާތަށާއި އިނގިރޭސިވިލާތަށް 8 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.