5 ފެބްރުއަރީ އިން ފެށިގެން އިޢުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރާއި އެޤަރާރަށް ހުށަހަޅުއްވާފައިވާ އިޞްލާޙްތައް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއިބެހޭ ކޮމެޓީއަށް ފޮނުވައިފިއެވެ.
ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން މިމަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައިވަނީ 38 މެމްބަރުންގެ ތާއީދާއެކުއެވެ. ދައުރުގެ ބޭރުން ބޭއްވި ޚާއްޞަ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރާއި އެޤަރާރަށް އިސްލާޙް ގެންނަވައި ނެރުއްވި 2 ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 30 ދުވަހަށް އިތުރުކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށައަޅުއްވާފައެވެ. މި ހަތަރު ޤަރާރުވެސް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރާމެދު ތަޅުމުގައި ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަދެއްކި މެމްބަރުން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރަންޖެހޭ ފަދަ ޙާލަތެއް ކުރިމަތިވެފައިވާކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ޖުޑީޝަރީގެ ތެރެޔަށް ބަޔަކު ނުފޫޒު ފޯރުވާ ޤާނޫނު އަސާސީއާއި ޤާނޫނުގެ ވެރިކަން އޮޅުންބޮޅުން ކޮށްލުމަށް ކުރި މަސައްކަތް އެ މެމްބަރުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އުނިކަން އަންނަގޮތަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް ވާހަކަދެއްކެވިއެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ރައިސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގަ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީގެ ބާރުތައް ހުދޫދުކުރެވޭގޮތަށް ހިފަހައްޓާފައިވާ މާއްދާތަކާމެދު ދެވަނަ ވިސްނުމަކަށް ވަޑައިގެން މި މާއްދާތަކާމެދު ޤައުމީ ސަލާމަތާބެހޭ ކޮމެޓީން ގޮތެއް ކަނޑައަޅުއްވައި ދެއްވުމަށް ބައެއް މެމްބަރުން އެދިވަޑައިގެންނެވިއެވެ.
އިދިކޮޅު މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ލާޒިމުކުރާ މުހިންމު މަސައްކަތެއް ކުރުމަށް އިދިކޮޅު ފަރާތްތަކުން ހާޒިރު ވެފައި ނުވުމަކީ ރައްޔިތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ބޮލާލާ ޖެހުންފަދަ ކަމެއް ކަމަށެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު 30 ދުވަހަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރި ޙާލަތަށް ބަދަލެއް އައިސްފައި ނުވާތީއެވެ.