ވިޔަފާރި

ގްލޯރިއާ ޖީންސް ކޮފީގެ އައުޓްލެޓެއް އެއަރޕޯޓުގައި ހުޅުވަނީ


އޮސްޓްރޭލިއާގެ މަޝްހޫރު ފްރެންޗައިޒް ކޮފީ ހައުސްއެއް ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީ" ގެ އައުޓްލެޓެއް މިއަހަރުގެ މާރޗްމަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލުން ބުނެފިއެވެ.

އެމް.އޭ.ސީ.އެލުން މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ފާސްޓް-ފުޑް އައުޓްލެޓްތަކަށް ޙާއްސަކޮށްގެން އެއަރޕޯޓުގައި ތަރައްޤީކުރާ ވޯޓަރ ފްރަންޓް ރެސްޓޯރެންޓް އޮޕަރޭޓްކުރުން އެޗް.އެމް.އެސް ހޯސްޓް އިންޓަރނޭޝަނަލާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

img:http://s4.psmnews.mv/images/660x400/15173041677977.jpg|

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުގެ ތެރެއިން އެއަރޕޯޓަށް ދުނިޔޭގެ ނަން މަޝްހޫރު ފާސް-ފުޑް ބްރޭންޑްތަކާއި، ކޮފީ ޝޮޕްތައް ގެނެއުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން އެޗް.އެމް.އެސް ހޯސްޓް އިންޓަރނޭޝަނަލާއެކު އެއްބަސްވެވުނު 4 ބްރޭންޑް އިތުރުން، އޮސްޓްރޭލިއާގެ މަޝްހޫރު ފްރެންޗައިޒް ކޮފީ ހައުސްއެއް ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީ"ގެ އައުޓްލެޓެއް އެއަރޕޯޓުގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާރު އެ މަސައްކަތް ބަޔަކާއި އެވޯޑްކޮށްފައިވާކަމަށާއި، މިއަހަރުގެ މާރޗްމަހުގެ ތެރޭގައި ގްލޯރިއާ ޖީންސް ކޮފީގެ އައުޓްލެޓެއް އެއަރޕޯޓުގައި ހުޅުވިގެންދާނެކަމަށް އާދިލް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15173041557942.jpg|

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ އެއަރޕޯޓަށް އިތުރު އިންޓަރނޭޝަނަލް ބްރޭންޑްތައް ގެނެއުމަށް. އެގޮތުން އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށްއޮތް މާރޗްމަހުގެ ތެރޭގައި ޓަރމިނަލްގައި ގްލޯރިއާ ޖީންސް ކޮފީގެ ހިދުމަތް ފެށުން. އެ މަސައްކަތް މިހާރުވަނީ އެވޯޑް ކުރެވިފައި. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިފަދަ އިތުރު ބްރޭންޑްތައްވެސް އެއަރޕޯޓުގައި ޤާއިމުކޮށް، ހިދުމަތް ލިބިގެންދާނެ" ޢާދިލް ވިދާޅުވިއެވެ.ގްލޯރިއާ ޖީންސް ކޮފީއަކީ އޮސްޓްރޭލިއާގެ ރީޓެއިލް ފުޑް ގްރޫޕުން ހިންގާ ކޮފީގެ އެކި ކަހަލަ ބުއިންތަކާއި އުފެއްދުންތަކަށް ޙާއްސަ ފްރެންޗައިޒް ބްރޭންޑެކެވެ. 1979 ވަނަ އަހަރުގެ ތެރޭގައި ތަޢާރަފުވި މި ފްރެންޗައިޒްގެ 1000 އަށްވުރެ ގިނަ އައުޓްލެޓްތައް ދުނިޔޭގެ 39 ޤައުމެއްގައި މިހާރުވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން އޮސްޓްރޭލިއާގައި އެކަނިވެސް މި ބްރޭންޑްގެ 460 އައުޓްލެޓް ހުރެއެވެ.