ޚަބަރު

ޖިނާޢީ އިޖުރާޢަތަށް ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ފަށައިފި


ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢާންމުން ހޭލުންތެރި ކުރުވުމަށް "ޖިނާއީ އިނޖުރާއަތުގެ ޤާނޫނު ދެނެގަތުމުގެ" ނަމުގައި ޚާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. 

މި ޕްރޮގްރާމަކީ އަންނަ މާޗް މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. ހޮޓެލް ޖެންގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފަށްޓަވައިދެއްވީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލްއެވެ. އެޓަރނީ ޖެނެރަލް އޮފީހުން ބުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢާންމުން ހޭލުންތެރި ކުރުމަށް ފެށި ޕްރޮގްރާމަކީ އޭޖީ އޮފީހާއި އދ.ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް ގުޅިގެން އެކުލަވާލައިފައިވާ ރޯލް އައުޓް ޕްލޭންގެ ދަށުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ މަރުޙަލާތަކާއި ޖިނާއީ ޢަދުލުހެ ނިޒާމުގެ ތެރެއިން ލިބިދޭ ޙައްޤުގައި ޤާނޫނު ތަންފީޒު ކުރުމުގައި ދައުލަތުގެ މުއައްސަސާތައް ޢަމަލު ކުރަންޖެހޭ ގޮތުގެ މަޢުލޫމާތާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހިމެނޭ މިނޫންވެސް މަޢުލޫމާތު ޢާންމުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި އދ.ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކު ޖިނާއީ އިޖުރާއަތުގެ ޤާނޫނާބެހޭ މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ޕެކެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ.

މި ޕްރޮގްރާމްގެ މަޤްސަދަކީ ޢާންމުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކާހަމައަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޢުލޫމާތު ފޯރުކުރުމެވެ. "ޖިނާއީ އިނޖުރާއަތުގެ ޤާނޫނު ދެނެގަތުމުގެ" ޕްރޮގްރާމުގެ ރަސްމީ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާއި ޗެނަލްތޭރައައި މިހާރު އޮންލައިން ނޫހެވެ. އެޓާނީ ޖެނެރަލް އޮފީހުން ބުނީ މީޑިއާ ޕާޓްނަރުންގެ މެދުވެރިކޮށް ޖިނާއީ އިޖުރާއަތުގެ މަޢުލޫމާތު ޕެކުގައި ހިމެނޭ ޓިއުޓޯރިއަލްތައް ޢާންމުކޮށް ބްރޯޑްކާސްޓް ކުރުމާއިއެކު ޢާންމު ރައްޔިތުންނަށް ބޭނުން ހިފޭނެ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއިބެހޭ މަޢުލޫމާތު ހިމަނާފައިވާ ރިޕޯޓެއް ކޮންމެ ހަފްތާއަކު އެއްފަހަރު ޝާއިޢުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލު ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. ޖުމްލަ 30 ބާބުގެ މައްޗަށް އެކުލެވޭ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަކީ ޖިނާއީ ކުށް ތަޙްޤީގު ކުރުމާއި ޖިނާއީ ކުށުގެ ދަޢުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ. މިފަދަ ޤާނޫނެއް ވުޖޫދަށް ގެނައުމުގެ މަޤުޞަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްޤުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ތަޙްޤީގުތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމާއި، އެފަދަ ތަހުޤީގުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދަން ބޭނުންވާ އުސޫލުތައް ކަނޑައެޅުމެވެ.

ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްޤުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ބާރު އެޅުމާއި، އެފަދަ ދައުވާތައް، ހަރުދަނާއަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުސޫލުތައްވެސް މި ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.