ތަރައްްޤީ

އާ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް އަންނަމަހު ފަށަނީ


ވެލާނާ އިންޓަނރޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ ތާރުއެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ބުނެފިއެވެ. އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ރަންވޭއަށް ބޭނުންވާ ކޮންޓްރީޓް ހުރިހާ މަސައްކަތެއް ވަނީ ނިންމާލާފައެވެ. އަދި މިހާރު ކުރިއަށްދަނީ ރަންވޭގައި ހަރުކުރާ ލައިޓްތަކަށް ބޭނުންވާ ކޭބަލްތަކާއި، ފިޔުލް ހައިޑްރަންޓްސް ހަރުކުރުމުގެ މަސައްކަތް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއާއެކު، މުޅި އެއަރޕޯޓް މިވަނީ އިންޤިލާބީ ބަދަލަކާއި ދިމާލަށް މިސްރާބު ޖަހާފައެވެ. މި މަޝްރޫޢުގެ ތެރެއިން މިވަގުތު އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްދާ އެއް މަސައްކަތަކީ އާ ރަންވޭގެ މަސައްކަތެވެ. ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމުގައިވާ A380 ގެ މަރުކާގެ ބޯޓު ފަހަރަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނޭހެން ފަރުމާކުރާ މި ރަންވޭއަކީ 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ. 

އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 77 ހެކްޓަރުގެ ބިން ހުޅުލެއަށް އިތުރުކޮށްފައިވާއިރު، އާ ރަންވޭއަށް ބޭނުންވާ ސަރަހައްދުގެ ފަސްގަނޑު ލެވެލްކޮށް ނިންމާ، ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ސަބް-ބޭހަކީ ބޮޑެތި ހައިވޭތަކާއި، ރަންވޭ ފަދަ ތަންތަނުގައި ތާރުއެޅުމުގެ ކުރިން، ވެއްޔާއި، ހިލަ އަދި ހިލަވެލި ބޭނުންކޮށްގެން އަޅާ ކޮންކްރީޓް ބޯ ފަށަލަތަކެކެވެ. އާއްމުގޮތެއްގައި ރަންވޭއެއްގެ ތާރު ފަށަލަ އެޅުމުގެ ކުރިން ސަބް-ބޭހުގެ 3 ފަށަލަ އަޅައެވެ. އެގޮތުން އައު ރަންވޭއަށް ބޭނުންވާ ކޮންކްރީޓް ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓުން ބުނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް އައު ރަންވޭގެ ހުރިހާ މަސައްކަތެއްވެސް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ރަންވޭގައި ހަރުކުރާ ލައިޓްތަކަށް ބޭނުންވާ ކޭބަލްތަކާއި، ފިޔުލް ހައިޑްރަންޓްސް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށްވެސް ޢާދިލް ވިދާޅުވިއެވެ.

"މިހާރު އަލަށް އަޅާ ރަންވޭގެ ކޮންކްރީޓް ހުރިހާ ލޭޔަރެއް އަޅާ ނިމިއްޖެ. ދެން މިހާރު ކުރިއަށްދަނީ ސެންޓަރލައިންގެ ލައިޓްތައް ހަރުކުރުމަށް ބޭނުންވާ ކަނެކްޝަންތައް ހެދުމުގެ މަސައްކަތް. މިކަނެކްޝަންތައް މިހެދެނީ ވަކިވަރަކަށް ލޭޔަރއަޅާފައި، ހޮޅި ވަޅުލަން ބޭނުންވާ ކޭބަލް ޑަކްތަކެއް ހަދާފައި، އެތަން ކެނޑުމުގެ މަސައްކަތް މިކުރިއަށްދަނީ. ރަންވޭގެ 2 ފަޅިން ކަނޑައިގެން މި ލައިޓްތައް ހަރުކުރަނީ. ދެން ހަމައެއާއެކު ފިއުލް ހައިޑްރަންޓްސްވެސް ރަންވޭގައި ޤާއިމުކުރެވިގެންދާނެ އަލަށް ހެދޭ އޭޕްރަންގައި. އެއަށް ބޭނުންވާ ހޮޅިއާއި ހުރިހާއެއްޗެއްވެސް ލިބި، އެމަސައްކަތްވެސް ހަމަ ޕެރަރަލްކޮށް ކުރިއަށްއެބަދޭ" އާދިލް ވިދާޅުވިއެވެ.

ޢާދިލް ވިދާޅުވީ، އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތާއެކު އެކީގައިހެން އައު ރަންވޭއާއި މިހާރުގެ ރަންވޭ ގުޅުވާލުމަށް ބޭނުންވާ ޓެކްސީވޭތަކާއި، ވެސްޓް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އައު ރަންވޭގެ މަސައްކަތާއި، އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމިގެންދާއިރު، އެއަރޕޯޓުގެ ޕާކިން ކެޕޭސިޓީ އިތުރުވެ، އެއަރޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އައު ރަންވޭގެ މަސައްކަތް ކުރަމުންދަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާއި ހަވާލުކޮށްގެންނެވެ. ރަންވޭގެ މަސައްކަތް 24 ގަޑިއިރު ހުއްޓުމެއްނެތި ކުރިއަށްދާއިރު، މަސައްކަތުގެ ކޮލެޓީ ބެލެމަށް އެމް.އޭ.ސީ.އެލްގެ އިތުރުން ސިންގަރޕޫރުގެ ފަންނީ ބޭފުޅުންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެމް..އޭ.ސީ.އެލުން ބުނީ އައު ރަންވޭގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާ، ބޭނުންކުރަން ފެށުމަކީ އެކުންފުނީގެ އަމާޒެއްކަމަށެވެ.