މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.މުޙައްމަދު ޝައިނީ މޮޒަންބީކްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފިއެވެ.
މޮޒަންބީކްގެ ފޮރިން މިނިސްޓްރީގައި މިއަދު މެންދުރު އޮތް މި ބައްދަލުކުރެއްވުމަގައި މަޝްވަރާ ކުރައްވާފައިވަނީ މިއަހަރުގެ ޖޫން މަހު ބާއްވާ އދ.ގެ ސަލާމަތީ މަޖިލީހަށް މެމްބަރުން ހޮވުމުގެ އިންތިޚާބުގައި ދިވެހިރާއްޖެއަށް ތާޢީދު ކޮށްދިނުމާއި ގުޅޭގޮތުންނެވެ. މީގެއިތުރުން މޮޒަންބީކްގެ ފިޝަރީޒް މިނިސްޓަރާވެސް މިނިސްޓަރ ޝައިނީ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. މިނިސްޓަރ ޝައިނީ އެފްރިކާގެ އިރުމަތީ ބިތުގެ ތިން ޤައުމަށް ކުރައްވާ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ޓެންޒޭނިޔާއަށެވެ. އެޤައުމަށް ވަޑައިގެން އެޤައުމުގެ ފޮރިން މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރާ ބައްދަލުކޮށް މަޝްވަރާ ކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ފިޝަރީޒް މިނިސްޓަރ ޑރ.ޝައިނީ ކުރައްވާ މިދަތުރުފުޅަކީ ޖޫން މަހު ބާއްވާ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ އިންތިޚާބުގައި ދިވެހިރާއްޖެއަށް ތާޢީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ދެން ވަޑައިގަތުމަށް ހަމަޖެހިފައިނީ ދެކުނު އެފްރިކާއަށެވެ. އެޤައުމަށް ވަޑައިގެން އެޤައުމުގެ ފޮރިން މިނިސްޓަރާއި، އަދި ފިޝަރީޒް މިނިސްޓަރާ ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވެއެވެ.
މިދަތުރުފުޅުގެ ތެރެއިން އެޤައުމުތަކުގެ ފިޝަރީޒް މިނިސްޓަރުންނާ ބައްދަލުކުރެއްވުމުގެ އެންމެބޮޑު ބޭނުމަކީ އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ ޤައުމުތަކުގެ މެދުގައި މަސް ބާނާނެ މިންވަރު (ކޯޓާ) ކަނޑައެޅުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ހުށަހަޅާ ޕްރޮޕޯސަލްއަށް ތާޢީދު ހޯދުމެވެ. މިޕްރޮޕޯސަލަކީ އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ އައްސޭރި ފަށުގެ ޤައުމުތަކުގެ ލާބައާއި މަންފާއަށް އަދި ޚާއްސަކޮށް ދިވެހިރާއްޖޭގެ މަސްވެރިކަން ރައްކާތެރިކުރުމުގެ ގޮތުން ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހަޅާ ޕްރޮޕޯސަލެކެވެ. މިފަދަ ޕްރޮޕޯސަލެއްގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖެއާއި އަދި އައްސޭރިފަށުގެ މަސްވެރިކަންކުރާ އެހެނިހެން ގައުމުތަކުން މަސްވެރިކަންކުރާ މިންވަރު ދަށަށް ނުދާނެ ފަދަގޮތަކާށް ކޯޓާ ބެހިގެން ދިއުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖެއިން ހުށަހަޅާފައިވާގޮތަށް މިކަރުދާސް ފާސްވެއްޖެނަމަ، ދިވެހި މަސްވެރިން ބާނާ މަހަށް މިހާރު ލިބޭ އަގަށްވުރެ ބޮޑު އަގެއް ލިބި، ރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.