ވިޔަފާރި

މިފަހަރުގެ ލިވިންގ އެކްސްޕޯ ވަރަށް ތަފާތުވާނެ


މިއަހަރުގެ ލިވިންގ އެކްސްޕޯ އެހެން އަހަރުތަކަށްވުރެ ތަފާތުވާނެކަމަށް މި އިވެންޓް އިންތިޒާމްކުރާ ހައިރައިޒުން ބުނެފިއެވެ. ލިވިންގ އެކްސްޕޯގެ ޕާޓްނަރުންނާއިއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިރައިޒްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޝާމިން ވިދާޅުވީ މި އަހަރުގެ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތަކަކުން ބައިވެރިވާނެކަމަށެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޤައުމުތަކުން ގެދޮރުގަތުމާއި ބެހޭ ގިނަ މައުލޫމާތުތަކެއް މި އެކްސްޕޯގެ ތެރެއިން ލިބިގެންދާއިރު ރާއްޖޭގައި އަލަށް ފަށާ ބައެއް މަޝްރޫއުތަކާއިބެހޭ މައުލޫމާތުވެސް ލިބިގެންދާނެކަމަށް ޝާމިން ވިދާޅުވިއެވެ.

"މިފަހަރުގެ އެގްޒިބިޝަންގައި އަޅުގަނޑުމެން މި ބައިވެރިކުރަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތް ފޯރުކޮށްދޭ އަދި އެފަރާތްތަކަށް ބޭނުންވާ ޝަރވިސްތައް ޕްރޮވައިޑްކޮށްދޭ ފަރާތައް. މި އެގްޒިބިޝަންގައި އެހެން އަހަރުތަކާ ތަފާތު ކަމެއް ފެނިގެންދާނެ. އެއީ މިފަހަރު ވަރަށް ނަންމަޝްހޫރު ބްރޭންޑްތައް މި ބައިވެރިވަނީ. އޭގެ އިތުރުން ރާއްޖޭގައި އަލަށް ފަށާ ޕްރޮޖެކްޓްތައްވެސް އެބަ ބައިވެރިވޭ. އެހެންކަމުން މި އެގްޒިބިޝަންއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބި އެބޭފުޅުން ޝައުޤުވެރިވާ އެޕާޓްމަންޓްސްތައް ބައްލަވައިގަތުމުގެ ފުރުސަތުވެސް ލިބިގެންދާނެ." ޝާމިން ވިދާޅުވިއެވެ.

2013 ވަނަ އަހަރުން ފެށިގެން ހައިރައިޒުން ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގ އެކްސްޕޯގެ މިފަހަރުގެ މެއިން ސްޕޮންސަރަކީ ކޮލަންބޯ ސިޓީ ސެންޓަރެވެ. މިއީ ކޮލަންބޯގައި ރިއަލް އެސްޓޭޓްގެ ޚިދުމަތް ދިނުމުގައި މިހާރު އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެވެ.

ކޯސްޕޮންސަރަކަށް ކޮރަލް ބްލެވަރޑް ހަމަޖައްސާފައިވާއިރު ހޮސްޕިޓަލިޓީ ޕާޓްނަރަކީ ޗަންޕާ ސެންޓްރަލް ހޮޓެލްއެވެ. ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓް ލެބްއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން މީޑިއާއެވެ. ބްރޯޑްކާސްޓިންގ ޕާޓްނަރަކީ ޗެނަލް 13 އެވެ. ޕަބްލިކޭޝަން ޕާޓްނަރަކީ ދަ އައިލެންޑް ޗީފް، އަދި ސެކިއުރިޓީ ޕާޓްނަރަކީ ގޭޖް ޕްރައިވެޓް ލިމިޓެޑްއެވެ.

ރާއްޖޭގައި ބާއްވާ 6 ވަނަ ލިވިންގ އެކްސްޕޯގެ މެއިން ސްޕޮންސަރ ކޮލަންބޯ ސިޓީ ސެންޓަރުން ބުނީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޤައުމެއްކަމުން ލަންކާގައި ގެދޮރު ގަތުމުގައި ހުރި ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން އެނގިގެންދާނެކަމަށެވެ.

މި އަހަރުގެ ލިވިންގ އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 15 އިން 17 އަށް ނޭޝަނަލް އާރޓް ގެލަރީގައެވެ. މިފަހަރު އެކްސްޕޯގެ ތެރެއިންވެސް ވިޒިޓް އެންޑް ވިންގެ ނަމުގައި ގިނަ ލަކީޑްރޯތަކެއް ނެގިގެންދާނެކަމަށް ހައިރައިޒުން ބުނެއެވެ. މިފަހަރުގެ އެކްސްޕޯގައި 28 ވުރެ ގިނަ ފަރާތުން ބައިވެރިވާނެކަމަށް ހައިރައިޒުން ބުނެއެވެ.