އދ.ގެ އެއްވެސް ގުނަވަނަކުން ވަކި ބޭފުޅަކު ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނާންގާނެކަމަށް ވިދާޅުވެ ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލް އިދިކޮޅު ފަރާތްތަކަށްރައްދުދެއްވައިފިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައިހުރި ޤާނޫނީ ޚިޔާލުތަފާތުވުންތަކަށް ޤާނޫނީ ގޮތުން ހުރި ހައްލުތައް އޮޅުންފިލުއްވައިދެއްވަމުން، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި، ބައްނޑާރަ ނާއިބު މުޙައްމަދު އަނިލް ވިދާޅުވީ، އދ.އާއި އެޖަމްޢިއްޔާގެ އެއްވެސްގުނަވަނަކުން ވަކި މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެކަމަށް ނާންގާނެކަމަށާއި، އެއީ އދގެ މެންޑޭޓުގައި އޮތްކަމެއް ނޫންކަމަށެވެ. ބަންޑާރަ ނާއިބު މިހެން މިވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނެކަން އދ.އިން ކަނޑައަޅާނެކަމަށް އިދިކޮޅުފަރާތްތަކުން ބުނެފައިވަނިކޮށެވެ. ބަންޑާރަ ނާއިބު ވިދާޅުވީ، ނަޝީދަށް ރާއްޖޭގެ ކޯޓަކުންކޮށްފައިވާ ހުކުމެއް ބާޠިލްކުރުމުގެ ބާރެއް ބޭރުގެ އެއްވެސް ފަރާތަކަށް ނޯންނާނެކަމަށެވެ. ރާއްޖެއަކީ މިނިވަން ސިޔާދަތެއް އޮންނަ ޤައުމެއްކަމަށާއި، ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ރާއްޖޭގެ ޤާނޫނުތައްކަމަށް ބަންޑާރަ ނާއިބް ވިދާޅުވިއެވެ.
"އދ.ން ނާންގާނެ ވަކި މީހަކު އިންތިޚާބަށް ކުރިމަތިލެވޭނެކަމަކަށް. އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމަފާނެ ނަޝީދުގެ ހުކުމުގެ މައްސަލާގަ އިއިޖްރާއީ ގޮތުން ހުރި މައްސަލަތަކެއް. ނަމަވެސް އެއީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް. ހުކުމް ބާޠިލްކުރުމުގެ ބާރެއް އެމީހުންނަކަށް ނޯންނާނެ ރާއްޖޭގެކަމާބެހޭ ކޯޓުތަކަށް މެނުވީ. އެ ކޮމިޓީންވެސް ވަކި މީހަކު އިންތީޚާބުގައިވާދަކުރާނެކަމަށް ނުބުނާނެ. އެއީ އެމީހުން މެންޑޭޓްގައި އޮތްކަމެއް ނޫން." ބަންޑާރަ ނާއިބް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާ ބެހޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން، ބަންޑާރަނައިބް ވިދާޅުވީ، ޤާނޫނުއަސާސީގައި އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ދުވަސްވަރަކީ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން އޮކްޓޫބަރު މަހުގެ ކުރީކޮޅާއި ހަމައަށް ކަމަށެވެ. އެހެންކަމުން ޤާނޫނު ފަރުމާކުރާ ފަރާތާއި، އަދި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މިނިވަން އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ތައްޔާރުވަމުން ދާކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު އޮންނާނެކަމުގެ ޔަޤީންކަންވެސް ބަންޑާރަނައިބް ވަނީ ދެއްވާފައެވެ.
"2015 ވަނަ އަހަރު ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ގެނައި އިސްލާހެއްގައި އޮންނާނެ ޖިނާއީ ހުކުމެއް އައުމުން އެފަދަ މީހަކަށް ލިބިދެވޭނެ އަދި ލިބިނުދެވޭނެ ޙައްޤުތަކުގެ ވާހަކަ. ޤާނޫނުގައިވާގޮތުން ޖިނާއީ ހުކުމެއް އަތުވެއްޖެނަމަ ސިޔާސީ އެއްވެސް ޕާޓީއެއްގެ މަޤާމެއް އަދައެއްނުކުރެވޭނެ. ޤާސިމް އިބްރާހީމަކީ ޖޭޕީގެ ލީޑަރެއްނޫން. ސެއިޙް އިމްރާނަކީ ޤާނޫނީގޮތުން އަދާލަތުގެ ރައީސެއްނޫން. ނަޝީދަކީ އެމްޑީޕީގެ ރައީސްއެއްނޫން. ޤާނޫނު އަސާސީގެ 109 މާއްދާގައި ޝަރުތު ހަމަވާ ކޮންމެ މީހަކަށް ކުރިމަތިލެވޭނެ ވާހަކައޮންނާނެ. ނަމަވެސް 109 ވަަ މާއްދާގައި ޝަރުތު ހަމަނުވައެއްވެސްމީހަކަށް ކުރިމަތިނުލެވޭނެ" ބަންޑާރަ ނާއިބް ވިދާޅުވިއެވެ.
ބަންޑާރަ ނާއިބު މުޙައްމަދުއަނިލް ވަނީ މިއަހަރަކީ ރިޔާސީ އިންތީޚާބުގެ މުހިންމު އަހަރެއްކަން ފާހަގަކުރައްވާ، ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެއްބާރުލުންދެއްވުމަށް ސިޔާސީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.