ޚަބަރު

ފީފާ ވޯލްޑްކަޕް 2026: މޮރޮކޯ


މި ފަހަރުގެ ވޯލްޑްކަޕްގައި ވާދަކުރާ އެފްރިކާގެ އެންމެ މޮޅު އެއް ގައުމުގެ ގޮތުގައި ފާހަގަ ކުރެވޭ މޮރޮކޯ އިން މި ފަހަރުގެ ވޯލްޑްކަޕަށް ނިކުންނާނީ ގަތަރުގައި ނިމިގެންދިޔަ ވޯލްޑްކަޕްގައި ހޯދިފަދަ ސަޕްރައިޒިން ނަތީޖާއެއް ނުވަތަ އެއަށްވުރެ ރަގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގަ އެވެ.

މޮރޮކޯ އިން ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގައި ވާދަކޮށްފައިވަނީ 1970 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑްކަޕްގަ އެވެ. އަދި އޭގެ ފަހުން ބޭއްވި ތިން ވޯލްޑްކަޕުން ފުރުސަތު ނުލިބުނު ނަމަވެސް 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑްކަޕުން މޮރޮކޯ ވަނީ ފުރުސަތު ހޯދާފަ އެވެ. 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާއިރު 1998 ވަނަ އަހަރުގެ ވޯލްޑްކަޕާއ 2018 ވަނަ އަހަރުގެ ވޯލްޑްކަޕުންވެސް މޮރޮކޯ ކަޓާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ.

ނަމަވެސް 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ހަތަރުވަނަ މަގާމް މޮރޮކޯ އިން ހޯދިއިރު މިއީ އެ މުބާރާތާއި މޮރޮކޯ ކުރިމަތިލިއިރު އެއްވެސް ބަޔަކު އުންމީދު ކުރި ކާމިޔާބީއެއް ނޫނެވެ.

2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ހަތަރުވަނަ މަގާމް މޮރޮކޯ އަށް ހޯދަދިން ކޯޗު ވަލީދު ރެގްރަގީގެ ބަދަލުގައި 2026 ވަނަ އަހަރުގެ މާޗް މަހު މުހައްމަދު ވަހްބީ އަށް ވަނީ ކޯޗުކަން ދީފަ އެވެ. އޭނާ ވަނީ 2022 އިން 2025 އަށް މޮރޮކޯގެ 20 އަހަރުގެ ދަށުގެ ޓީމަށް ކޯޗު ކޮށްދިނުމުގެ އިތުރުން 2025 އިން 2026 އަށް މޮރޮކޯގެ 23 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދީފަ އެވެ. އޭނާ ވަނީ 2025 ވަނަ އަހަރުގެ 20 އަހަރުން ދަށުގެ ވޯލްޑްކަޕް މޮރޮކޯ އަށް ކާމިޔާބުކޮށްދީފަ އެވެ.


މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ސެނެގާލް އަތުން މޮރޮކޯ ބަލިވި ނަމަވެސް އެ މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެ މައްސަލަ އެފްރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބެލުމަށްފަހު މުބާރާތުގެ ފައިނަލް މެޗުން 3-0 ގެ ނަތީޖާއަކުން މޮރޮކޯ މޮޅުވި ކަމަށް ނިންމާ މުބާރާތުގެ ޗެމްޕިއަންކަން މޮރޮކޯ އަށް ވަނީ ދީފަ އެވެ.

މުހައްމަދު ވަހްބީގެ އިރުޝާދުގެ ދަށުން މޮރޮކޯ ކުޅުނު އެކުވެރިކަމުގެ ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. އިކުއެޑޯ އާއި ނޯވޭ އާއި ދެކޮޅަށް ކުޅުނު ދެ މެޗުވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ޕެރަގުއޭ އާއި ބުރުންޑީ އަދި މަޑަގަސްކަރަ އާއި ދެކޮޅަށް ކުޅުނު ތިން މެޗުންވެސް މޮރޮކޯ ވަނީ މޮޅުވެފަ އެވެ.

މި ފަހަރުގެ. ވޯލްޑްކަޕްގައި ވާދަކުރާ މޮރޮކޯގެ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރޭގައި ގޯލުކީޕަރު ޔަސީން ބޯނޯ އާއި ޕީއެސްޖީގެ އަޝްރަފް ހަކީމީ, މެންޗެސްޓަރ ޔުނައިޓެޑްގެ ނުސައިރް މަޒްރާއޯއީ, ރެއާލް މެޑްރިޑްގެ ބްރާހިމް ޑިއާޒްގެ އިތުރުން ރެއާލް ބެޓިސްގެ ސުފްޔާން އަމްރަބަތް ފާހަގަކޮށްލެވެ އެވެ.