ޚަބަރު

ފީފާ ވޯލްޑްކަޕް 2026: ހެއިޓީ


1974 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފީފާ ވޯލްޑްކަޕްގައި ހެއިޓީ އިން ވާދަކުރާއިރު, މި ފަހަރުގެ މުބާރާތާއި އެ ގައުމުން ކުރިމަތިލާނީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ މެޗެއް ކާމިޔާބުކުރުމަށް ނުވަތަ ޕޮއިންޓެއް ހޯދުމުގެ އަޒުމުގަ އެވެ.

ހެއިޓީ ހިމެނޭ ގްރޫޕް ސީގައި ދެން ހިމެނޭ ޓީމު ތަކަށް ބަލާއިރު މިއީ ހެއިޓީ އަށް ޕޮއިންޓެއް ހޯދަން އެންމެ ފަސޭހަ މެޗަށް ވާނެ އެވެ. ގްރޫޕްގައި ދެން ހިމެނެނީ ފަސް ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް އާއި އެފްރިކާގެ ޗެމްޕިއަން އަދި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ހަތަރުވަނަ މަގާމް ހޯދި މޮރޮކޯ އެވެ.

ފްރާންސަށް އުފަން ސެބަސްޓިއެން މިންޔޭ ހެއިޓީގެ ކޯޗު ކަމާއި 2024 ވަނަ އަހަރުގެ މާޗް މަހު ހަވާލުވުމުގެ ކުރިން އޭނާ ވަނީ އެފްރިކާގެ ގިނަ ގައުމުތަކެއްގެ ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ކޮންގޯ އާއި ޓޯގޯގެ އިތުރުން ކެންޔާ ހިމެނެ އެވެ. 2022 ވަނަ އަހަރު ކެމަރޫންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މިންޔޭ ވަނީ އޮމާނުގެ ގައުމީ ޓީމަށްވެސް ކޯޗުކޮށްދީފަ އެވެ.

މި ފަހަރުގެ ވޯލްޑްކަޕަށް ހެއިޓީ ކޮލިފައިވެފައިވަނީ ކޮންކާކަފްގެ ކޮލިފައިންގެ ތިންވަނަ ބުރުގައި ވަރުގަދަ ގައުމުތައް ކަމުގައިވާ ކޮސްޓަރިކާ އާއި ހޮންޑިއުރާސްގެ އިތުރުން ނިކަރަގުއާ ފަހަތަށް ޖައްސާލުމަށްފަހު ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ވެސްޓް ޖަރުމަނުގައި 1974 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ބަލިވެފައިވާއިރު މިއަދު ސްކޮޓްލޭންޑާއި ދެކޮޅަށް ހެއިޓީ ނިކުންނާނީ އެ ތާރީޚު ބަދަލުކުރުމުގެ އަޒުމުގަ އެވެ.

އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބާއްވާ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ހެއިޓީ އިން ވަނީ މި އަހަރުގެ ތެރޭގައި އެކުވެރިކަމުގެ ހަތަރު މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ޓިއުނީޝިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު އައިސްލޭންޑާއި ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. އަދި ނިއުޒިލޭންޑް އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު މި ޖޫން މަހު ޕެރޫ އާއި ދެކޮޅަށް ކުޅުނު މެޗުން ހެއިޓީ ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ހެއިޓީގެ ކޯޗު ސެބަސްޓިއެން މިންޔޭ މި ފަހަރުގެ ވޯލްޑްކަޕަށް ނަގާފައިވާ 26 ކުޅުންތެރިންގެ ތެރޭގައި އެންމެ ކުޅުންތެރިއެއް ފިޔަވާ ހުރިހާ ކުޅުންތެރިންނަކީވެސް ބޭރު ގައުމުތަކުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންނެވެ.

ހެއިޓީގެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ކެނެޑާގެ ޓޮރޮންޓޯ އެފްސީ އަށް ކުޅެމުންދާ ޑެރިކް އެޓިއެން, އިރާނުގެ އިސްތިގްލާލްގެ ޑަކެންޒް ނޭޒަން އަދި ތުރުކީގެ ލީގުގައި ކުޅޭ ފްރެންޒީ ޕިއެރޯ އެވެ.

ހެއިޓީގެ ކޯޗު މި މެޗުގެ ކުރިން ބުނެފައިވަނީ މެޗަކުން މޮޅުވާން ބޭނުންވާނަމަ ލަނޑުތަކެއް ޖަހަން ޖެހޭނެ ކަމަށާއި އެހެންކަމުން ލިބޭ ފުރުސަތުތަކުގެ ބޭނުން ރަގަޅު ގޮތުގައި ހިފުމަށް ކުޅުންތެރިންނަށް ބުނެދީފައިވާނެ ކަމަށެވެ. އަދި އިދިކޮޅަށް ނިކުންނަ ޓީމަކީ ވަރުގަދަ މަޝްހޫރު ޓީމެއްނަމަ ހެއިޓީގެ ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށްވެސް ކޯޗު މިންޔޭ ވަނީ ބުނެފަ އެވެ.