ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 14.2 ކިލޯ މީޓަރުގެ މަގު ތާރު އެޅުމަށްވަނީ ހަމަޖެހިފައިއެވެ.ރާއްޖޭގެ ތަރައްޤީގެ ދުވެލި އިންޤިލާބީ ބަދަލަކާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު، މިވަގުތު އެންމެ ހަލުވިމިނުގައި ކުރިއަރަމުން އަންނަ އެއް ސަރަޙައްދަކީ ހުޅުމާލެއެވެ. ވަކިން ޚާއްސަކޮށް ޒުވާނުންގެ އުއްމީދުތަކާއި ގުޅިފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތަކީ މާލޭ ސަރަޙައްދުގެ މުޅި މަލަމަތި އެއްކޮށް ބަދަލުކޮށްލުވާނެ ފަދަ ބިޔަ މަޝްރޫޢެކެވެ. 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށި މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ ފަޅުން ގާތްގަނޑަކަށް 244 ހެކްޓަރުގެ ބިން 77 ދުވަހުގެ ތެރޭގައި ވަނީ ހިއްކާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިފަދަ ބޮޑު ބިމެއް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހިއްކާ ނިންމި ފުރަތަމަ ފަހަރެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާއިރު، ކޮންމެ ހަފްތާއަކުވެސް އެ ސަރަހައްދުން ބޮޑެތި ބަދަލުތަކެއް ފެންނަމުން ދެއެވެ. އަލަށް ހިއްކި ސަރަހައްދުގެ ފަސްގަނޑު އެއްވަރުކޮށް، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ މެދުތެރޭގައި ވަނީ އެއްކޮށް ނިންމާލާފައެވެ.
ހިއްކުމަށްފަހު ހަނަފަސް ސަހަރާއެއްގެ ގޮތުގައި އޮތް ޒުވާނުންގެ މި ބިޔަ ޝަހަރުން މިހާރު މިވަނީ ދިރުން ފެންނަން ފަށާފައެވެ. އެއީ އެތަކެއް ޒުވާނުންގެ އުއްމީދުތަކާއި ގުޅިފައިވާ ތަރައްޤީގެ ފޮނިމީރުކަން ދައްކުވައިދޭ ފަދަ ހިތްގައިމު މަންޒަރުތަކެކޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހިން ތަރައްޤީގެ ކުލަވަރުތައް ފެންނަށް ފަށާފައިވާއިރު، މިވަގުތު އެންމެ ބާރު މިނުގައި ކުރިއަށްދަނީ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަޝްރޫޢެވެ. އެގްޒިމް ބޭންކްގެ ލޯން އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 14.2 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅާ، ޒަމާނީ ފެންވަރުގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް އެޗް.ޑީ.ސީން ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ މޯހަން މުތާ އަޝޯކާ ބިލްޑްކޮން އެލް.އެލް.ޕީ ކިޔާ ކުންފުންޏަކާއެވެ.
ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާލާއިރު، މަގުތަކުގައި ތާރުއެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެގްރެގޭޓް ބޭސް ކޯސް، އޭ.ބީ.ސީ ލޭޔަރގެ މަސައްކަތް މިދިޔަ ޑިސެމްބަރުމަހުގެ ނިޔަލަށް ވަނީ އެއްކޮށް ނިންމާފައެވެ. އަދި މަގުތަކުގައި އަސްފޯލްޓް ނުވަތަ ތާރު އެޅުމުގެ މަސައްކަތް ފަށާވައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. މަގުހެދުމުގެ މަޝްރޫޢު ތަފާތު 3 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މިހާތަނަށް ޒޯން 1 އަދި ޒޯން 2 ގެ މަގު ހެދުމުގެ މަސައްކަތުގެ ވަރަށް ބޮޑުބައެއް ފުރިހަމަކޮށްފައިވާކަމަށް އެޗް.ޑީ.ސީން ބުނެއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ޚިލާފަށް، ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގައި އެޗް.ޑީ.ސީގެ މައިގަނޑު ޕްލޭނަކީ މަސައްކަތުގެ ދުވެލި ހަލުވިކުރުމުގެ ގޮތުން ދެވަނަ ފިޔަވަހީގެ ހުރިހާ މަޝްރޫޢެއްވެސް އެކު އެކީގައި ކުރިއަށްގެންދިއުމެވެ. އެގޮތުން މަގުތަކުގައި ތާރުއެޅުމުގެ އިތުރުން، މި މަޝްރޫޢުގެ ދަށުން މަގުބައްތި ޖެހުމާއި، ދުވާރު އެޅުމާއި، ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމަށް ބޭނުންވާ މަސައްކަތްވެސް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ. އެގޮތުން ކަރަންޓާއި ޓެލެފޯން ގެ ހިދުމަތް ދިނުމަށް ބޭނުންވާ ޑިސްޓްރިބިއުޝަން ފޮށިތައް ބެހެއްޓުމާއި، މަގު ބައްތިތައް ހަރުކުރުން ފަދަ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.
ސަތޭކަ ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްޤީކުރާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން، ރިއަލް-އެސްޓޭޓް އުޞޫލުން ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ އިތުރުންވެސް، ބޮޑެތި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުން ރާވާފައިވެއެވެ. މީގެތެރޭގައި ޔޮޓް މެރީނާއާއި، ކްރޫޒް ޓަރމިނަލް ތަރައްޤީކުރުން، ފަތުރުވެރިކަމަށް ޚާއްޞަ ޒޯނެއް ތަރައްޤީކުރުން، އަދި އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރެއް ތަރައްޤީކުރުން ފަދަ ބިޔަ މަޝްރޫޢުތައް ހިމެނެއެވެ.