މަސްވެރިކަމުގެ ސިނާޢަތަށް ދިމާވި ގޮންޖެހުންތައް ގިރާކޮށް މިސިނާޢަތް މިހާ ހިސާބަށް ގެނައުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށް ފިޝަރީޒް މިނިސްޓަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަސްވެރިކަމަށް ލިބުނު ކުރިއެރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިފަހަރު މަސްވެރިކަމުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ވަނީ ދުރާލާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓް ލެވަލްގައި ކޮމެޓީއެއް ނަންގަވާ ހާއްސަ މަސައްކަތްތަކެއް ކުރައްވާފަވެއެވެ. މި މަސައްކަތުގެ ދަށުން މަސްގަންނަ ކުންފުނިތަކަށް ދިމާވާ ދަތިތަށް ހައްލުކޮށްދެއްވާ މަސްވެރިންނަށް އައިސްލިބުމުގެ ދަތިކަން ހައްލުކޮށްދިނުމަށް މަސައްކަތް ފެއްޓެވިއެވެ. ވަޒީރުންގެ ކޮމެޓީގެ ޗެއާރމަން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައީނީ ވިދާޅުވީ މި މަސައްކަތުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ގިނަ ގޮންޖެހުންތައް ގިރާކުރެވިއްޖެކަމަށެވެ.
މިނިސްޓަރ ޝައިނީ އިތުރަށް ވިދާޅުވީ މި ސަރުކާރުން ހަވާލުވި ދަނޑިވަޅަކީ ޔޫރަޕަށް މަސް ބޭރުކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރެއް ކަމަށެވެ. އެގޮތުން 30 އިންސަތައާއި ކާރިކުރާ އަދަދަކަށް ޓެކްސް ދައްކަން ޖެހުމަކީ ބުރައެއްކަން މިނިސްޓަރ ފަހަގަކުރެއްވިއެވެ. ނަމަވެސް އެ ބުރައިން އަރައިގަނެ ޔޫރަޕްގެ މާކެޓަކީ އެންމެ ގިނައިން މަސްބޭރުކުރާ މާކެޓްގެ ގޮތުގައި ދެމެހެއްޓުނީ މަސްވެރިކަމުގެ ސިނާޢަތަށް ގެނެވުނު ވަރުގަދަ ކަމެއްގެ ސަބަބުން ކަމަށެވެ.
ފިޝަރީޒް މިނިސްޓަރ ވިދާޅުވީ އުމްރާނީ ތަރައްޤީ ފެންނަ ފަދައިން މަސްވެރިކަމުގެ ދާއިރާއަށްވެސް ބޮޑެތި ކުރިއެރުން އައިސްފައިވާކަމަށެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އިތުރަށް މިސިނާޢަތު ދަށަށް ދިޔަ ނުދީ މި ސިނާޢަތް ތަރައްޤީކުރަން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.