ށ. މިލަންދޫ އަށް ނަގޫރޯޅިއެއް އަރައި، ދެ ގެއަކަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
މިއަދު ހެނދުނު 11:50 ހާއިރު އެރަށަށް އެރި ނަގޫރޯޅީގައި ދެ ގެއަކަށް އެކިވަރުގެ ގެއްލުންތަށް ލިބުނު ނަމަވެސް އެ ގޭ ގޭގައި ދިރިއުޅޭ އެއްވެސް މީހަކަށް އަނިޔާވެފައިނުވެއެވެ.
މިލަންދޫ ކައުންސިލް މެމްބަރު އަބްދުﷲ އާތިފް ވިދާޅުވީ އެ ރަށަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ދެ ގޭގެތެރެއިން އެއް ގެއެއްގެ ފުރާޅުން ބައެއް އެއްލާލާ ސީންލިންވެސް ވެއްޓިފައިވާކަމަށެވެ. އަދި އޭގެ ސަބަބުން އެގޭގައި ހިފާ ގެންގުޅޭ ސާމާނުތަށް ހަލަކުވެފައިވާކަމަށްވެސް އާތިފް ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ ގެއްލުން ލިބުނު ދެ ގެއިންވެސް ކަރަންޓްގެ ޙިދުމަތް މެދުކެނޑުނު ނަމަވެސް އެއް ގެޔަށް ކަރަންޓް ޙިދުމަތް މިހާރު ދީފައިވާކަމަށެވެ. އަދި ގެތަކަށް ލިބުނު ގެއްލުންތައް ބަލާ އެކަމުގެ ރިޕޯޓް ޑިޒާސްޓަރ މެނޭޖްމަންޓާއި ހިއްސާކޮށްފައިވާކަމަށްވެސް އާތިފް ވިދާޅުވިއެވެ. މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ގޭގެ މީހުން ވަގުތީ ގޮތުން އެހެންތަނަކަށް ބަދަލުކޮށްފައިވާކަމަށް މިލަންދޫ ކައުންސިލުން ބުނެއެވެ.
ނަގޫރޯޅި އެރި ވަގުތު ކޮންމެވެސް ވަރަކަށް ވާރޭ ވެހުނުނަމަވެސް އާއްމުކޮށް މޫސުން ރަނގަޅު ކަމަށް މިލަންދޫ ކައުންސިލުން ބުނެއެވެ.