ޚަބަރު

ދެހާހަށްވުރެ ގިނަ މީހުން ޕީޕީއެމްއަށް ސޮއިކޮށްފި


ރާއްޖޭގެ އެކި ކަންކޮޅުތަކުން 2696 މީހުން ސަރުކާރު ހިންގާ ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް, ޕީޕީއެމްއަށް ސޮއިކޮށްފިއެވެ. ޕީޕީއެމްއާއި އަލަށް ގުޅުނު ފަރާތްތަކުގެ ފޯމުތައް ވަނީ "މަވެސް ޕީޕީއެމް" ނަމުގައި ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ، ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާ ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ގިނަ އަދަދެއްގެ ރައްޔިތުން ޕީޕީއެމް އާއި ގުޅިވަޑައިގަތުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ފަހަކަށް އައިސް ޕީޕީއެމް އިން އިންތިޒާމް ކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ކަހަލަ ހަރަކާތްތައް ހިންގަމުން އަންނަ ކަމަށެވެ. އެކަމުގެ ސަބަބުން ޕާޓީ އަށް މީހުންގެ ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެން އެކުލަވާލެއްވި ހުރިހާ ބަޖެޓަކީ މެނިފެސްޓޯ ޑެލިވާ ކުރުމަށް އެކުލަވާލެއްވި ބަޖެޓުތައް ކަމަށާއި އެކަން ވަރަށް ރަނގަޅަށް ހާސިލްވަމުދާކަމަށެވެ.

މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާޙިމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދުރުވިސްނުންފުޅާއެކު މި ޤައުމަށް ގެނެސްދެއްވަމުންދާ ތަރައްޤީއާއެކު ކުންފުނިތަކަށްވެސް ދިރުން ލިބިފައިވާ ކަމަށެވެ. ޙަލީމް ވިދާޅުވީ، ސަރުކާރުގެ، މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން އެމްޕީއެލުން ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދީފައިވާ ކަމަށާއި އެގޮތުން މިވީ ހަތަރު އަހަރުގެ ތެރޭގައި 730 ޒުވާނުންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ 54 މީހެއްގެ އިތުރުން ގިނަ އަދަދެއްގެ ކަނބަލުންނަށްވެސް ވަޒީފާ ދީފައިވާނެކަމަށެވެ.

ޕީޕީއެމް އިން އަންނަނީ ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.